ފުލުހުން ޝަމްއާންގެ މައްޗަށް ތުހުމަތުކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައިގެންފައިވާ ކަމަށާ، ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ތިން މީހެކެވެ. އެއީ، މުހައްމަދު އަލްސަން އިސްމާއިލް، އިބްރާހިމް އަހުމަދު، އަހުމަދު ސަހެޝާން އެވެ.
އޭގެ ފަހުން ޝަމްއާން ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރޭ ބަޔާނެއްގައި ސޮއިކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވިތަނާ އެވެ. ކޯޓު އަމުރެއްގެ ދަށުން އެންމެ ފަހުން ހައްޔަރުކުރީ އަހުމަދު ލައްސާން އެވެ. އޭނާ ފަހުން ހައްޔަރުކުރީ އެ ވަގުތު އޭނާ ރާއްޖޭގައި ނެތުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީ އެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަމަށެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޝަމްއާން އާއި މި މައްސަލައިގާ ހިމެނޭ އަނެއް ހަތަރު މީހުން މިހާރު ތިބީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމުން، އޭނާގެ ބަންދުގެ މައްސަލަ ހައި ކޯޓުގައާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެހެންނަމަވެސް ހައިކޯޓުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމިއިރު ސުޕްރީމްކޯޓުން އެ މައްސަލަ ބަލައިވެސް ނުގަތެވެ.
ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުއިއްޒުއާ ހިއްސާ ކުރުން ކަމަށްވެސް ޝަމްއާންގެ އާއިލާއިން ބުނެފައިވެއެވެ.