ބޮޑީ ވޯން ކެމެރާ އަޅުވައިގެން ތިބި އިމިގްރޭޝަންގެ ދެ އޮފިސަރަކު ބިދޭސީއެއްގެ މައުލޫމާތު ސާފުކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަނީ
މަރްޔަމް މުޙައްމަދު 25 މޭ 2025 (އާދީއްތަ)   11:07
މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

އެ އިދާރާ އިން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުރަތަމަ ފަހަރަށް އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރީ އިއްޔެ ކަމަށެވެ.

"ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދު ހުޅުމާލެ ފޭސް 1 ގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. މި އޮޕަރޭޝަންގައި އޮފިސަރުން ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައި." އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔެފައި ވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު އިމްގްރޭޝަނުން ވަނީ އިމިގްރޭޝަން ވޮޗް އިން ބިދޭސީންނާއި ގުޅޭ ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ވެސް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން އެ މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ.

ދިވެހި ފުލުހުން ވެސް 2022 ވަނަ އަހަރު ވަނީ ބޯޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފަ އެވެ. މުޒާހަރާތަކާއި ބޮޑެތި އޮޕަރޭޝަން ތަކުގައި ފުލުހުން މިހާރު އެ ކެމެރާތައް ބޭނުން ކުރެ އެވެ. ޖަލު އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާފައި ވަނީ 2023 ގަ އެވެ.

ކޮމެންޓް