މިގޮތަށް ނިންމާ ތޮއްޑޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ، އަހަރުގެ އެންމެ މާތް 10 ދުވަސް އަދި މުސްލިމުންގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ރަށުގެ ހުރިހާ ގޯތިތަކާއި މަގުތައް ކުނިކަހާ ސާފުކޮށް ކުލަބޮކިދިއްލާ ޒީނަތްތެރިކުރުމަށް ތޮއްޑޫ ކައުންސިލުން ނިންމާފައި ވުމުން، އެ މަސައްކަތުގައި ބައިވެރިވެ ގޯއްޗާއި މަގު ދިއްލާ ފަރާތްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ރީތި ޑިޒައިނެއް ހޮވާ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އީދަށް ޒީނަތްތެރިކޮށް، އެންމެ ރީތި ދިއްލުންތައް ދިއްލާ ގެއަކަށް 6000 (ހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައި ވާއިރު، ދެވަނައަށް ހޮވޭ ގެއަކަށް 4000 (ހަތަރު ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނައަށް އެންމެ ޒީނަތްތެރި ގެއަކަށް 2000 (ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ތޮއްޑޫ ކައުންސިލުން މައުލޫމާތު ދެއެވެ.
އެހެންކަމުން ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަށާއި ބޮޑުއީދަށް ޒީނަތްތެރިކުރުމުގެ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ގޭގެއިން މި މަހުގެ 26 ވާ ހޯމަދުވަހުގެ 10:00 ގެ ކުރިން ގޭގެ އެޑްރެހާއި ވެރިފަރާތުގެ ނަންޖައްސަވާ ތޮއްޑޫ ކައުންސިލްގެ ވައިބާ ނަންބަރު 7388877 އަށް މެސެޖް ކުރެއްވުމަށް ނުވަތަ އެ މުއްދަތުގެތެރޭ، ރަސްމީ ގަޑީގައި ތޮއްޑޫ ކައުންސިލަށް ވަޑައިގެން ނަން ނޯޓް ކުރެއްވުމަށް ތޮއްޑޫ ކައުންސިލުން އެދެއެވެ.
ފިޔެސްއަށް މައުލޫމާތުދެމުން ތޮއްޑޫ ކައުންސިލުން ބުނީ، އެ ކައުންސިލްގެ 4 ވަނަ ދައުރުގެ ތަރައްގީގެ ޕްލޭންގައި، ދިއްލުމުގެ މި މުބާރާތް ކުރިޔައް ގެންދިއުމަށް ފާސްކޮށްފައި ވަނީ، އަހަރުގެ އެންމެ މާތް 10 ދުވަސް އަދި މުސްލިމުންގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުން މިއަދު އިހުނަށްވުރެބޮޑަށް ކުރަން މަޖްބޫރު ކަމަކަށް ވެފައިވާކަމަށް އެ ކައުންސިލަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެހެނީ ޓެކްނޮލޮޖީއާއި ދަތުރު ފަތުރުގެ ލުއިފަސޭހަ ކަމާއެކު ވަގުތުން ވަގުތައް ދުނިޔޭގައި ހިނގާ ކަންތައްތަކުގެ މަންޒަރު ފެނި، އަދި ހަމަ އެއާއި އެކު ލޯކަލް ޓޫރިޒަމް ރަށްފުށުގައި ފުޅާވަމުންދާ މިދުވަސްވަރު، އައު އަހަރު ފާހަގަ ކުރުމުގެ ނަމުގައި އެހެން ދީނެއްގެ އީދު އެ ދުވަސް ތަކުގެ ތެރެއަށް އެކުވެގެން ވަރަށް ކުލަގަދަކޮށް ގިނަ ދިއްލުންތަކާއި ކުޅިވަރުތަކާއި، އަދި ވަކިން ހާއްސަކޮށް ކްރިސްމަސް އާއި ގުޅުވައިގެން އިންތިޒާމްތަކާއި ހަދިޔާ ބަދަލުކުރުމުގައި ޝާމީލްނުވާން އަޅުގަނޑުމެންގެ ދަރިންނަށް ނަސޭހަތްތެރިވާ ހިނދު، އެފަދަ ނުވަތަ އެއައްވުރެ އަދި މާކުލަ ގަދަކޮށް ފާހަގަކުރެވޭ އަޅުގަނޑުމެންގެ އީދު އެ ދަރިންނަށް ދެއްކުމަށްޓަކައި ކޮންމެ އަހަރެއްގެ ވެސް ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަށް މުޅިރަށާއި ގޯތިގެދޮރު ޒީނަތްތެރިކޮށް ދިއްލާ އަދި އީދު ހަދިޔާ ބަދަލު ކުރުމަކީ ހާއްސަ ސަމާލުކަމެއްދީގެން ކުރެވޭކަމަކަށް ހެދުމަކީ މިކަމުގެ އެންމެބޮޑު މަގުސަދު ކަމަށް ވެސް ތޮއްޑޫ ކައުންސިލުން މައުލޫމާތުދެއެވެ.