މިކަން ހާމަ ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުރު ދުވަހެއް ބަންދު ނުވާނެ ކަމަށެވެ.
"މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސައޫދީ އަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން ދަންނަވަމެވެ. ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކެވެ." ހީނާ ވަލީދު ވިދާޅުވެފައި ވެއެވެ.
ހައްޖު ދުވަސް އަންނަ ހަފްތާގެ ފުރަތަމަ ބުރާސްފަތި ދުވަހާ ދިމާވާތީ އީދު ދުވަހާއި އޭގެ އަނެއް ދުވަސް ދިމާވަނީ ހަފްތާ ބަންދަށެވެ. އީދު ދުވަހާއި އީދާ ގުޅިގެން އަންނަ ބަންދު ހަތަރު ދުވަހުގެ ތެރެއިން ދެ ދުވަހަކީ ހަފްތާ ބަންދެވެ. އެހެންވެ އީދު ބަންދަށް ލިބޭނީ ދެ ދުވަހެވެ. އެއީ އާދީއްތަ އަދި ހޯމަ ދުވަސް ކަމަށްވާ، ޖޫން މަހުގެ 8 އަދި 9 އެވެ. އެހެންކަމުން 10 ވާ އަންގާރަ ދުވަހު ސަރުކާރު އޮފީސްތަކާއި މަދަރުސާތައް ހުޅުވޭނެއެވެ.
ބޮޑު އީދު ބަންދަށް މިފަހަރު ދެ ދުވަސް ލިބުނަސް މިދިޔަ ކުޑަ އީދުގައި ރޯދަ މަހުގެ ފަހު 10 އާ އެކު ބަންދަށް 15 ދުވަސް ލިބުނެވެ.