އެގޮތުން ފޯރިގަދަ ކުޅިވަރުތަކެއް ހިމެނޭނެހެން ތައްޔާރުކޮށްފައިވާ ވެލިދޫ އީދު ޝެޑިއުލް ވެލިދޫ ކައުންސިލުން މިއަދު ވަނީ އާންމުކޮށްފައެވެ. ވެލިދޫގެ ކުލަގަދަ އީދު ޝެޑިއުލްގައި ވާގޮތުން، އީދު ވިލޭރޭ (5 ޖޫން) ދުވަހުގެ ރޭ އީދު މަޅި ޖެހުމާ އެކު މާލިބައްތެލީގެ ހަރަކާތްތައް ފެނިގެން ދާނެއެވެ. މި ކުޅިވަރު ތަކަކީ ވެލިދޫގެ ފަންނާއި ހުނަރުހުރި ހާއްސަ ޒުވާނުންތަކެއް އެކުލެވޭ ދެ ގްރޫޕް ކަމަށްވާ "ޓީކޭއެފް" އާއި "ބައޮކަލޯ" ގެ ފަރާތުން ގެނެސްދޭ ކުޅިވަރު ތަކެކެވެ.
ވެލިދޫ އީދުކުޅިވަރު 1445 ގެ ބައެއް ހަރަކާތްތައް - ފޮޓޯ: ނޫނު ފޮޓޯ
މާލިބައްތެއްޔަކީ ރާއްޖޭގެ އެހެނިހެން ރަށްރަށާ ހިލާފަށް ވެލިދޫގައި ބޮޑުއީދަށް ހާއްސަކޮށް ތައްޔާރުކުރާ ވެލިދޫގެ މިދެންނެވި "ޓީކޭއެފް" ގެ އުފެއްދުންތެރި ހިޔާލާއެކު ހުށަހަޅައިދޭ އައިޓަމެކެވެ. މާލި ބައްތެލީގައި ދައްކުވައިދެނީ މާލީގެ ތަފާތު ވައްތަރުތައް އެކުލެވޭނޭހެން ބައްތެއްޔެއްގައި ވެލިދޫއަށް ކުރާ ދަތުރެކެވެ. އެ ދަތުރުގައި ވެލިދޫއަށް ބަނދަރުކުރުމަށް ފަހު ރަށުތެރޭގައި ވެސް މާލިތައް ބުރު ޖަހާނެއެވެ. އަދި އެރޭ، ވެލިދޫގައި ކޮންމެ އީދެއްގައި ވެސް ކުރިއަށްގެންދާ މަޖާ ކުޅިވަރެއްކަމަށްވާ "ރަންފޮށި" އުފުލުން ވެލިދޫ އާރުޑީސީގެ ފަރާތުން އެރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ވެލިދޫ އީދުކުޅިވަރު 1445 ގެ ބައެއް ހަރަކާތްތައް - ފޮޓޯ: ނޫނު ފޮޓޯ
އަދި އީދު ދުވަހު (6 ޖޫން) ގައި ވެލިދޫ ރަސްމީ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުމުން ދުވަސް ފެށިގެން އަންނަނީ ހަމަ އެ މައިދާނުގައި ވެލިދޫ ރައްޔިތުންނަށް ކައުންސިލުންދޭ ހާއްސަ އީދު ސައި ބުޔުމަށް ފަހުއެވެ. އަދި ހަމަ އެދުވަހު ހެނދުނު ވެލިދޫ ރައިވެރިޔާ ބީޗުގައި ފައިގަތަޅާ މުބާރާތް ފެށިގެންދާއިރު، ދުވަހުގެ ހަވީރު "ބުރުގާ ގަސް" ނެރުމާ، ގަހާއިއެކު ތަފާތު މާލީގެ ހަރާކާތްތައް ވެލިދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ހަމަ އީދު ދުވަހުގެރޭ "ޑީޖޭ ފަހުދު" އާއެކު ވެލިދޫގެ ރަސްމީ ސްޓޭޖުގައި ފޯރިގަދަ ޝޯއެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ހަމަ އެރޭ ވެލިދޫގެ ބަނދަރު ސަރަހައްދުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ވާ ދެމުމުގެ މުބާރާތް 1446 އެރޭ ފެށުމަށް ހަމަޖެހިފައި ވާއިރު، ވެލިދޫގެ ޖިންސުންލަތީފުންތަކެއް ގުޅިގެން އުފައްދާފައިވާ އެރަށުގެ މަޝްހޫރު "ކަމަނާޒް" ގްރޫޕުގެ ފަރި ސްޓޭޖް ހަރަކާތްތައް ވެސް އެރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ.
ވެލިދޫ އީދުކުޅިވަރު 1445 ގެ ބައެއް ހަރަކާތްތައް - ފޮޓޯ: ނޫނު ފޮޓޯ
އަދި އީދުގެ ދެވަނަ ދުވަހު (7 ޖޫން) ގައި ވެސް ފައިގަތަޅާ މުބާރާތް ހެނދުނު ކުރިއަށް ގެންދިޔުމަށް ފަހު ފަނުން ތަކެތި ވިޔުމުގެ މުބާރާތެއް މެންދުރު ވެލިދޫ ބަނބުކެޔޮ ޕާކުގައި ކުރިއަށްގެންދާނެއެވެ. އަދި ހަމަ އެދުވަހު ހަވީރު، ރާއްޖޭގެ މަޝްހޫރު "ހޭވައްލާ ބޮޑުބެރު" ގްރޫޕުގެ މަގުމަތީ ކުޅިވަރުތައް ވެލިދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވާއިރު، ވެލިދޫގައި މިފަހަކަށް އައިސް ކޮންމެ އީދެއްގައި ވެސް ބާއްވަމުން އަންނަ ފޯރިގަދަ ޕެރޭޑެއް ކަމަށްވާ "ލޯންލީޓްރީ ޕެރޭޑް" އެރޭ ބޭއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.
އަދި މީގެ އިތުރުން ވެސް އީދުގެ ދެވަނަ ދުވަހުގެ ރޭ ވެސް ވާދެމުމުގެ މުބާރާތް 1446 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، ގިނަ އަހަރުތަކެއްގައި ވެލިދޫގެ އީދުކުޅިވަރުގައި ހަރަކާތްތެރިވަމުން އަންނަ ހުނަރުވެރި "ގާސިމްސް" ގެ ފަރާތުން ބޮޑުމަސްކުޅުން ސްޓޭޖް ސަރަހައްދުގައި ހަމަ އެރޭ ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ މަޝްހޫރު "ހޭވައްލާ ބޮޑުބެރު" ގްރޫޕުގެ ސްޓޭޖްކުޅިވަރުތައް ވެސް ބޭއްވުމަށް ވެލިދޫ އީދު ޝެޑިއުލްގައި ވަނީ ހިމަނާފައެވެ.
ވެލިދޫ އީދުކުޅިވަރު 1445 ގެ ބައެއް ހަރަކާތްތައް - ފޮޓޯ: ނޫނު ފޮޓޯ
އީދުގެ ތިންވަނަ ދުވަސް (8 ޖޫން) ގައި ފައިގަތަޅާ މުބާރާތުގެ ފައިނަލް ހެނދުނު ބޭއްވުމަށްފަހު، ބޮޑުއީދުގައި ވެލިދޫގައި ބާއްވާ ވާދަވެރި ބައިސްކަލް ރޭހާއި ސައިކަލް ރޭސް ދުވަހުގެ މެންދުރު ވެލިދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ. އަދި އެއަށްފަހު، ތަފާތު ގޭމްތައް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އިވެންޓެއް ކަމަށްވާ "ކުޅިސަމާ" ވެލިދޫގެ ކުދިބޮޑު އެންމެންގެ ބައިވެރިވުމާއެކު ވެލިދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދާނެއެވެ. ހަމަ އެދުވަހު ހަވީރު ކޯޑިއާއެކު ދެލިމާލި ނެރުން، ހުނަރުން ފުރިގެންވާ ވެލިދޫގެ "ކްލަބް ސްޓިލްރެޑް" ރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ. އަދި ސަގާފީ ކުޅިވަރެއް ކަމަށްވާ ދަފިނެގުން ވެސް ވެލިދޫ ރަސްމީ ބޯޅަދަނޑުގައި އެދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ވެލިދޫ އީދުކުޅިވަރު 1445 ގެ ބައެއް ހަރަކާތްތައް - ފޮޓޯ: ނޫނު ފޮޓޯ
އީދުގެ ތިންވަނަ ދުވަހުގެރޭގެ ކުޅިވަރުތައް، ވާ ދެމުމުގެ މުބާރާތް 1446 އިން ފެށިގެން އަންނައިރު، ރާއްޖޭގައި މިހާރު ވިދަމުން އަންނަ މަޝްހޫރު "ޓޫ އޮފް އަސް" ގެ ހާއްސަ ސްޓޭޖް ޝޯއެއް ވެސް ހަމަ އެރޭ ވެލިދޫ ރަސްމީ ސްޓޭޖްގައި ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި ކޯޑިކުޅުން ވެސް އެރޭ ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ވެލިދޫ އީދު ޝެޑިއުލްގައި ހިމަނާފައި ވެއެވެ.
ފަހު އީދު ދުވަސް (9 ޖޫން) "ފެންކުޅި" އިން ދުވަސް ފެށިގެން އަންނައިރު، ވެލިދޫގެ ހިވާގި ޒުވާނުންތަކެއް އުފައްދާފައިވާ "ކޭއެންޖީ" ގްރޫޕްގެ ފަރާތުން ކުލަގަދަކޮށް "ކަލަރަން" ދުވަހުގެ މެންދުރު ބޭއްވުމަށްފަހު، ވެލިދޫ އީދު ކުޅިވަރުގެ އެންމެފަހު އައިޓަމް، އީދާއި އަލްވަދާއު ކިޔުމުގެ ގޮތުން "އީދު ފުރުވުން" އެރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވާކަމަށް ވެލިދޫ ކައުންސިލުން މިއަދު އާންމުކުރި އީދު ޝެޑިއުލްގައި ވެއެވެ.
ވެލިދޫ އީދުކުޅިވަރު 1445 ގެ ބައެއް ހަރަކާތްތައް - ފޮޓޯ: ނޫނު ފޮޓޯ
މުޅި ރާއްޖޭގެ ނިސްބަތުން ވެސް ނ. ވެލިދޫ އަކީ އީދު ކުޅިވަރު ވަރަށް ފޯރީގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ރަށެއްކަން ގިނަބަޔަކު ފާހަގަކުރާ ރަށެކެވެ. އަދި ވެލިދޫ ކައުންސިލުގެ އިސް ނެގުމާއެކު އެރަށުގެ ގިނަ ރައްޔިތުންތަކެއް އީދުކުޅިވަރުގައި ޝާމިލްވެ އުފާ ފާޅުކުރަމުން އަންނައިރު، ހާއްސަކޮށް ބޮޑުއީދާ ދިމާކޮށް އެއްރަށަކަށް ގިނަ މެހުމާނުން ޒިޔާރަތްކުރާ ރަށެއްގެގޮތުގައި ވެލިދޫ ފާހަގަކޮށްލެވެއެވެ. އަދި ފިޔެސްގެ އެކި މަންސަތަކުން ވެލިދޫ އީދުކުޅިވަރުގެ ހާއްސަ ހަރަކާތްތައް ގެނެސްދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވާލަމެވެ.