މަޖިލީހުގެ ޖަލްސާގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް އަމީން ޖަވާބުދާރީވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
ކުރަނީ ޒައްރެއްގެ މިންވަރުވެސް ގުޅުމެއް ނެތް ކަމެއްގެ ތުހުމަތު
އަޅުގަނޑާ މިމައްސަލައާ އޮތް ގުޅުމަކީ ދިވެއްސަކަށް ވީތީ، މި ގައުމުގައި އުޅޭތީ އޮތް ގުޅުމެއް – އަމީން
ޖުނާން އަޙުމަދު 15 މޭ 2025 (ބުރާސްފަތި)   15:54
ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި ކޮށްފައިވާ ތުހުމަތު ތަކަކީ ޒައްރެއްގެ މިންވަރަށްވެސް ގުޅުމެއްނެތް ތުހުމަތުތަކެއް ކަމަށާއި ތުހުމަތުތަކަށް ދީފައިވާ ޖަވާބުން އެކަން ސާފުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ އެޕްރީލް މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާއާ ގުޅުވައެވެ.

އިތުބާތު ނެތްކަމުގެ މައްސަލާގައިވާ ގޮތުން އެ ހާދިސާގައި އަމީންގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައިކަން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް، ފުލުހުން އެ މައްސަލައިގައި މައުލޫމާތު އާންމުކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރުކޮށްފައިވާ ކަމަށް މައްސަލައިގައިވެ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލާގައިވާ ގޮތުން، މައްސަލައިގައި ހިމެނޭ އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން ބަރީއަކުރުމަށް މިނިސްޓަރު އަމީން ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވާފައިވާކަން އެ ކަންކަމުން ހާމަވާ ކަމަށެވެ. އަދި އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ލިބިގެންވާ ބާރުގެ ބޭނުންކޮށް، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ ކަންކަމަށް ވެފައި މިނިސްޓަރު އަމީން ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން ވަނީ އޭނާއަށް އެމްޑީޕީން ކޮށްފައިވާ ހަތް ތުހުމަތަށް ވަކިވަކިން ޖަވާބުދާރީވެވަޑައިގެންފަ އެވެ.

ތުހުމަތުތަކަށް ރައްދު ދެއްވަމުން އަމީން ވިދާޅުވީ، ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި އޭނާގެ ތިމާގެ މީހަކު ނުވަތަ އާއިލާ މީހަކު ޝާމިލްވާ ކަމަށް ނުވަތަ ނުވަތަ ތުހުމަތު ކުރެވޭ ކަމަކަށް ވެސް އެއްވެސް ތަހުގީގީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައިނުވާ ކަމަށާއި އެ ފަދަ ކަމެއް އެނގިވަޑައިގެންފައި ވެސް ނުވާ ކަމަށެވެ.

އެ ހާދިސާ ހިނގުމުގެ ކުރިން އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެއަށް ބަޔަކު ގޮސް އުޅުނު ކަމަށް ފުލުހުން ބުނެފައި ވިޔަސް އެ ގެއަކީ އޭނާ އާއި އެއްބަނޑު ތިން މީހަކާ އެކު ޖުމްލަ ހަތަރު މީހެއްގެ ނަމުގައިވާ ތަނެއް ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެއްމެދު ތަނެއްގައި ގޭގެ އެންމެން ބޭނުން ހިފާ ތަނެއްގައި ހިނގާ ޖިނާއީ ކަމެއްގެ ޒިންމާ ވަކި މީހަކު ނަގަން ޖެހޭނެ ކަމަށް ބުއްދި ގަބޫލުނުކުރާ ކަމަށެވެ. އަދި، ތުހުމަތުކުރެވޭ ހާދިސާ ހިނގާފައިވަނީ ވެސް އެ ގޭގައި ނޫން ކަން އެނގެން އެބައޮތް ކަމަށާއި އެ ތަނުގައި ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމަށް އެއްވެސް ތަހުގީގީ އިދާރާއަކުން މިހާތަނަށް ނިންމާފައި ވެސް ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.

އެހެންކަމުން، ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ގޭގެ ނަން ހާމަކުރުމާ ނުކުރުމަކީ ވެސް ފުލުހުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި ތަހުގީގުގައި ހާމަކުރާނެ ކަންކަމާ ނުކުރާނެ ކަންކަން ނިންމާނީ ފުލުހުން ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވަނީ މި މައްސަލާގައި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އޭނާ ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. އަމީން ވިދާޅުވީ ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި ފޯރުވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސް އަކީ އަޅުގަނޑުގެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއް ވެސް ނޫން. މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ޖަވާބުދާރީވާ އިދާރާއެއް ވެސް ނޫން. އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ވެސް ނުވާނެ."

މި މައްސަލާގައި ގޭގެ ވެރިފަރާތްތަކާ ވާހަކަ ދެއްކުމަށް ފަހު، ކޯޓު އަމުރެއް ނެތް ނަމަވެސް މާންދޫގެ ބަލައި ފާސްކުރެވޭނެ ވާހަކަ ދެންނެވުމަށް ކުރީގެ ސީޕީ އަލީ ޝުޖާއަށް ގުޅާފައިވާނެ ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސީޕީ ޖަވާބު ނުދެއްވާ ކަމަށާއި އެއީ ވަކި ކަމެއް ވަކި ގޮތަކަށް ނިންމުމަށް ކުރެއްވި ކަމެއް ނޫން ކަމަށް އަމީން ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގުގައި، އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކާ އެ ހާދިސާއާ ބަހުސްގެ ބޭނުމަށް ގުޅުވިނަމަވެސް އެއީ އަމިއްލަ ކަންކަން އަމިއްލައަށް ޒިންމާ ނަގަން ޖެހޭ ބޮޑެތި މީހުން ކަމަށް އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މީހުން ކަމެއް ކުރި ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ މީހުން ކަމަށެވެ.

އިތުބާރު ނެތް މައްސަލައިގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ޖަވާބުދާރީވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަމީން ވިދާޅުވި ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ. މިގޮތުން ހުޅުމާލެ ދެކުނު ދާއިރާ މެންބަރުން ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ ފުލުހުންގެ ތަހުގީގުން މިނިސްޓަރު އަމީން ނިސްބަތްވެވަޑައިގަންނަވާ ގޭގައި ގާނޫނާ ޚިލާފް ކަންތައްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ފުލުހުން ކުރަނިކޮށް ޕޮލިސް ކަމިޝަނަރަށް އަމީން ގުޅުއްވި ކަމަށް އިއުތިރާފްވެވަޑައިގެންފި ކަމަށެވެ. އެހެންކަމުން އެއީ މިނިސްޓަރުކަމުން އަމީން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއްގެ ގޮތުގައި ޝަމްހީދު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އޭގެ ފަހުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މައްސަލައިގާ ސޮއިކުރެއްވި 12 މެންބަރުން ކުރެއްވި ތުހުމަތާ ޒައްރެއްގެ މިންވަރުވެސް ގުޅުމެއް ނެތް ކަމަށާ އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އޭގެ އިތުރުން އަމީން ވިދާޅުވީ އޭނާއާ އެ މައްސަލައާ އޮތް ހަމަ އެކަނި ގުޅުމަކީ ދިވެއްސަކަށްވީތީ ރާއްޖޭގައި ދިރިއުޅޭތީ އޮތް ގުޅުމެއް ކަމަށެވެ. އެގުޅުން ހަމަ އެގޮތަށް އޭނާއަށް ތުހުމަތު ކުރައްވާ މެންބަރުންނާވެސް އެބައޮތް ކަމަށެވެ.

ކޮމެންޓް