މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ މަޖިލީސް އެއް ހަފްތާގެ ޗުއްޓީއަކަށް ދިޔަކަން އިއުލާންކުރައްވާ، މި ދައުރުގެ މަސައްކަތްތަކުގެ ބައެއް ތަފްސީލު ވެސް ހިއްސާ ކުރައްވާފަ އެވެ.
މަޖިލިސް ރައީސް ވިދާޅުވީ ފުރަތަމަ ދައުރުގައި 32 ޖަލްސާ ބޭއްވުނު ކަމަށާ، އެ ޖަލްސާތަކުގައި މެންބަރުން ވަނީ 59 ގަޑިއިރު ހޭދަ ކުރައްވާފައި ކަމަށެވެ. އަދި މި ދައުރުގައި 193 ކޮމެޓީ ބައްދަލްވުން ބޭއްވިފައި ވާއިރު، އެ ބައްދަލުވުން ތަކުގައި މެންބަރުން ވަނީ 139 ގަޑިއިރާއި 30 މިނެޓް ހޭދަ ކުރައްވާފައި ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.
އަދި މި ދައުރުގައި 9 ބިލެއްގެ މަސައްކަތް ނިންމާ ފާސްކޮށްފައިވާއިރު، އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލާއި، އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަދި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.
މަޖިލީހަށް ހުށައެޅުނު މަސައްކަތުގެ 73 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް މަޖިލިސް ރައީސް ފާހަގަކުރެއްވި އިރު، ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރަކު މަޖިލީހުގެ ޖަލްސާތައް ތިން ދައުރަކަށް ބެހިގެންވެއެވެ. އެއީ ފުރަތަމަ ދައުރު ފެބްރުއަރީން މޭމަހުގެ 15 އަށް، ދެވަނަ ދައުރު ޖޫން އިން އޮގަސްޓް މަހުގެ 15 އަށް، އަދި ތިން ވަނަ ދައުރު އޮކްޓޯބަރުން ނޮވެމްބަރަށެވެ. މި އަހަރުގެ ފުރަތަމަ ދައުރު ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.