ރައްޔިތުންގެ މަޖިލިސް ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މަޖިލިސް
ފަނޑިޔާރު ސަލީމާއި ހަމީދު އައްޔަނުކުރުމަށް ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފި
ޖުނާން އަޙުމަދު 4 ޖޫން 2025 (ބުދަ)   14:07
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މި ނިންމުން އެ ކޮމިޓީން މިއަދު ނިންމީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ދެ ފަނޑިޔާރުންނަށް ރުހުން ދިނުމަށް ފާސްކުރީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުންގެ ވެސް ވޯޓާ އެކުގައެވެ.

ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

އެހެންވެ ހުސްވެފައިވާ ދެ މަގާމަށް ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީން ނިންމީ ސަލީމާއި ހަމީދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށެވެ. މި މަހުގެ ދެވަނަ ދުވަހު ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސް ހުށަހެޅުއްވިއެވެ. އެ ދުވަހު ބޭއްވި ބައްދަލުވުމުގައި ޖުޑީޝަރީ ކޮމިޓީން ނިންމީ ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާކުރުމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުން ނިންމި ނިންމުން މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެނީ ބޮޑު އީދު ބަންދަށް ފަހު އަންނަ އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމުންނެވެ.

ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2022 އޯގަސްޓް 9 ގައެވެ. އޭގެ ކުރިން އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި އޭނާ 12 އަހަރު ހޭދަކުރެއްވި އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ހަމީދަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން 2022 ޖޫން 6 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ. ހަމީދު ހައިކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރު ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

ކޮމެންޓް