ފަނޑިޔާރުންގެ މި ދެ މަގާމަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވުމުން ޖޭއެސްސީން އެ ބޭފުޅުންނާ އިންޓަވިއު ކޮށް އެންމެ ގިނައިން މާކްސް ލިބިފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދަށެވެ.
އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ ޖޭއެސްސީގެ ލަފަޔާ އެއްގޮތަށް ކަމަށްވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މި ދެ މަގާމު ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވެ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.