ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ރައީސްއޮފީހާ ސިޓީއެއް ހަވާލުކުރުމަށް ރައީސްއޮފީސް ދޮށުގައި - ފޮޓޯ: އެމްއެލްސީއޭ
ކައުންސިލަރުންނަށް ރައީސާ ބައްދަލުނުވެގެން ސިޓީއަކާއެކު ރައީސް އޮފީހަށް
ޖުނާން އަޙުމަދު 27 މޭ 2025 (އަންގާރަ)   13:44
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް، ގިނަ ކައުންސިލްތަކެއްގެ ކައުންސިލަރުން ހިމެނޭހެން އުފައްދާފައިވާ އެމްއެލްސީއޭ (ލޯކަލް ކައުންސިލް އެސޯސިއޭޝަން) އިން ތަކުރާރުކޮށް އެދުމުން ވެސް އެ މަނިކުފާނު އިޖާބަނުދެއްވުމުން އެންމެފަހުން ކަންބޮޑުވުންތައް ސިޓީއަކުން ރައީސް އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.

ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކައުންސިލަރުން ރައީސް މުއިއްޒުއާ ބައްދަލުކުރަން ތަކުރާރުކޮށް އެދުނީ، ލާމަރުކަޒީ ނިޒާމަށް މިސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން އެކަންކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސް ހައްލުހޯދުމަށް މަސައްކަތް ކުރުމުގެ ގޮތުންނެވެ.

ރައީސް އޮފީހަށް އެ ސިޓީ ހުށަހެޅުމަށްފަހު ނުކުމެވަޑައިގެން އެމްއެލްސީއޭގެ ޗެއާޕާސަން މުޙައްމަދު ބަޝީރު މީޑިއާ އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް އޮފީހަށް ސިޓީއެއް ލާން ދާން ޖެހުނީ އީމެއިލް މެދުވެރިކޮށް ބައްދަލުކުރަން އެތައް ފަހަރަކު އެދުމުން ވެސް ރައީސް އިޖާބަ ނުދެއްވުމުން އެހެންގޮތެއް ނެތިގެން ކަމަށެވެ.

އަދި މި ސިޓީ ލާން މިޖެހުނީ ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތައް ގެމައުމުގައި ސަރުކާރުން ކައުންސިލްތަކާ ވެސް އަދި ރައްޔިތުންނާ ވެސް މަޝްވަރާ ނުކުރާތީ ކަމަށާ، އެހެންކަމުން އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ.

"ކައުންސިލްތަކުގެ މުދާ ބަދަލު ނުދީ ނެގޭނެ ގަވާއިދެއް އެބައޮތް، އާބަން ޑިވެލޮޕްމެންޓް ގާނޫނު އޮތްގޮތުން އިހުތިސާސް، ރަށެއްގެ އިހުތިސާސްއިން ހަމަ ސަރުކާރުން ބޭނުންހާ ތަނެއް ނަގައިގެން ބޭނުންހާ ކަމެއް ކުރެވޭ،" ބަޝީރު ވިދާޅުވި އެވެ.

ބަޝީރުގެ އިތުރުން އެމްއެލްސީއޭގައި ހިމެނިވަޑައިގަންނަވާ ބ. އަތޮޅު ކައުންސިލުގެ ރައީސް، އަޙުމަދު އަފްރާހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރަން މީގެ އަހަރެއްހާ ދުވަސްކުރިން އެދިފައިވީ ނަމަވެސް، އީމެއިލްގެ ޒަރިއްޔާއިން އެދުނު އެ އެދުމަށް މިއަދާ ހަމައަށް ވެސް ރައީސްގެ ފަރާތުން އެއްވެސް ވަރަކަށް އިޖާބަދެއްވާފައި ނުވާކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް ނިކަމެތިކަން ލިބޭނޭހެން ރައީސް މުއިއްޒު ގިނަ ވާހަކަތަކެއް ދައްކަވަމުން އަންނަ ކަމަށާ، އަދި މި ސަރުކާރުން އެ ނިޒާމަށް ބޮޑެތި ނޭދެވޭ ބަދަލުތަކެއް ގެނެސް މުޅި ނިޒާމު ފުނޑާލަމުން އަންނަކަން ގިނަ ރަށްރަށުގެ ކައުންސިލްތަކުންނާއި، ސިޔާސީ ގިނަ ފަރާތްތަކުންނާއި އާންމު ރައްޔިތުން ވެސް ފާހަގަކުރެއެވެ.

ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ފާރާތުން ރައީސް އޮފީހަށް ހުށަހެޅި ސިޓީ ތިރީގައި އެވަނީއެވެ:

your imageލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ފާރާތުން ރައީސް އޮފީހަށް ހުށަހެޅި ސިޓީ

your imageލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ފާރާތުން ރައީސް އޮފީހަށް ހުށަހެޅި ސިޓީ


ކޮމެންޓް