ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް.-- ފޮޓޯ: މަޖިލިސް
ލާމަރުކަޒީ ނިޒާމަށް ބަދަލުގެނެސްގެން ނޫންގޮތަކަށް ހަރަދު ކުޑަކުރެވެން ނެތީތޯ؟
ވަޒީފާތަކަށް މީހުން ނެގުމަކަށް ހުއްޓުމެއްނެތް، ރައީސްގެ ދަތުރުފުޅުތަކަށް ވެސް ހުއްޓުމެއް ނެތް – އެމްޑީޕީ
ޖުނާން އަޙުމަދު 13 މޭ 2025 (އަންގާރަ)   13:11
ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުންތޯ؟ ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި ބިލަށް މިއަދު ބަހުސް ކުރައްވަމުން އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ މެންބަރުން ސުވާލު އުފައްދަވައިފިއެވެ.

އެ ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް މިއަދު ހުށަހެޅުއްވި އިސްލާހަކީ، ކައުންސިލަރެއްގެ ގޮނޑި ހުސްވާއިރު، ދައުރުގެ ބާކީ އޮންނަ މުއްދަތު ދޮޅު އަހަރަށްވުރެ ކުރުނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު، ޢަލީ މޫސާ، ހުށަހެޅުއްވި އިސްލާހެކެވެ.

މި ބަދަލު ގެނައުމާ އެމްޑީޕީ މެންބަރުން ދެކޮޅު ހައްދަވައި މިއަދުގެ ބަހުސްގެ ވަގުތުގައި، އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވީ ހަރަދު ކުޑަ ކުރާ ވާހަކަ ސަރުކާރުން ދައްކާއިރު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އަދި އުޅެނީ ލާމަރުކަޒީ ގާނޫނުގެ ދަށުވެގެން ކަމަށާ، އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން މިނިސްޓްރީއެއް އުފައްދަވާފައި ވާއިރު، އެ މިނިސްޓްރީއަށް ވެސް ސިޔާސީ އެތައް މުވައްޒަފުންނެއް މިހާރުވެސް ނަގާފައިވާ ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ގާނޫނުތަކަށް އިސްލާހު ގެނައުން ރައްޔިތުން ބަލައިގަންނާނީ، ރާއްޖޭގެ އެކި ކަންކޮޅުގައި ސަރުކާރުން މަޝްރޫއުތަކެއް ކުރިއަށް ގެންދާނަމަ ނޫންތޯ؟ އާމެދު ސުވާލު އުފައްދަވަމުން ނާޒިލް ވިދާޅުވީ، އެހެން ނަމަވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާ ކަމަށެވެ. އަދި އެގޮތަށް ގާނޫނަށް އިސްލާހު ގެނެސްފި ނަމަ ރައްޔިތުން އެތައް ގޮތަކުން ނިކަމެތި ވެގެންދާނެ ކަމަށެވެ.

"އަނެއްކާވެސް ހަރަދު ކުޑަކުރާށޭ ކިޔާފައި ރަށުގައި ރައްޔިތު މީހާއަށް ހިދުމަތް ދޭން ހުރި މީހާ ގޮނޑި ހުސްވާއިރަށް، ދޮޅު އަހަރު ވަންދެން އެ ގޮނޑިއަށް މީހަކު ނުނެގޭ ގޮތަށް މުޅި ނިޒާމު ގާނޫނުގެ ތެރެއިން ބަދަލު ކުރަން މި ޖެހެނީ، އެންމެ ޕްރޮޖެކްޓެއްހާ މިންވަރު ވެސް ނުހިންގޭ ހާލަތުގައި،" ނާޒިލް ވިދާޅުވި އެވެ.

ބަހުސްގެ ވަގުތުގައި، ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު، އަމީން ފައިސަލް ވިދާޅުވީ މި ވީހައި ދުވަހު އިންތިހާބުތައް ނުބާއްވަން ކުރާ މަސައްކަތް ފިޔަވައި އިތުރު ކަމެއް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ކުރާ ތަން ނުފެންނަ ކަމަށެވެ.

"މި ބިލުގައި މި، ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލު ނޫނީ އަޅުގަނޑަކަށް ނުފެނޭ މި ސަރުކާރުން ހަރަދު ކުޑަކުރަން ކުރާ ކަމެއް،" އަމީން ފައިސަލް ވިދާޅުވި އެވެ.

މިކަމާގުޅިގެން މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު، އަޙުމަދު ދީދީ، އެ ދައިރާ ތަމްސީލު ކުރައްވަން އައްޑޫ ސިޓީ ކައުންސިލުގައި ހުންނަވަނީ އެންމެ ކައުންސިލަރެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ ކައުންސިލަރުގެ ގޮނޑި އެއްވެސް ހާލަތެއް މެދުވެރިވެގެން ހުސްވެއްޖެ ނަމަ ބާކީ މިއޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ދާއިރާ ތަމްސީލު ކުރައްވާނެ ބޭފުޅަކު ކައުންސިލުގައި ނެތި ހިނގައިދާނެ ކަމަށެވެ.

ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު، އަލީ މޫސާ މިއަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ލާމަރުކަޒީ ގާނޫނުގެ ހަތަރު މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައެވެ.

އެގޮތުން ކައުންސިލެއްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށްވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް ހުށައެޅުއްވި އިސްލާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވާއިރު ވެސް އެ ކޮމިޓީގެ އުމުރުގެ ބާކީ އޮންނަ މުއްދަތު 548 ދުވަހަށްވުރެ ކުރު ނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް ހުށައެޅުއްވި އިސްލާހު ފާހަގަކޮށްލެވެއެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަނީ، ކައުންސިލުގެ ގޮނޑިއެއް ހުސްވުމުން، ކައުންސިލް އުމުރުގެ ބާކީ މުއްދަތް 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް