ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވޯޓްލަނީ.--
ބާކީ ދޮޅު އަހަރު ނެތްނަމަ ދެން ބައި-އިލެކްޝަން ނުބާއްވާނެ
މަރްޔަމް މުޙައްމަދު 19 މޭ 2025 (ހޯމަ)   21:12
ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރެއްވުމުން ސަރުކާރުގެ ގެޒެޓް ޝާއިއުކުރުމާއެކު، ދެން ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ބައި-އިލެކްޝަން ބާއްވާނީ އެންމެ ފަހުން އިސްލާހު ގެނައި ގޮތަށެވެ.

މިހާރު އޮތްގޮތުން ކައުންސިލެއްގެ ރައީސްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ، 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތް ހާލަތެއްގައި މެނުވީ، އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބެއް ނުކުރާނެ އެވެ.

ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބައި-އިލެކްޝަން ބޭއްވުމުގައިވެސް ހަމަ އެ އުސޫލުން އަމަލު ކުރުމަށް ގާނޫނުގައި ވަނީ ހިމަނާފައެވެ.

މި އިސްލާހު ގެނެސްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުން ނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާތީ އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

މި ބިލަކީ މިމަހުގެ 15 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ފާސްކުރި ބިލެކެވެ.

ކޮމެންޓް