ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ޒަމާނީ ފެންވަރަށް އާ އޮފީސް އިމާރާތްކުރުމަށް ހިންގާ މަޝްރޫއެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ލެޓާ އޮފް އެކްސްޗޭންޖަކީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން ސޮއިކުރި އެއްބަސްވުމެއް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން ކަމަށެވެ.
އެ މަޝްރޫއުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބައިވެރިވުން އޮތީ ފަންނީ މަސައްކަތްތަކުގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެއާ އެކު، ދެން ކުރިއަށް ގެންދާނީ ކޮންސަލްޓަންޓެއް އައްޔަންކޮށް، ޑިޒައިން މަސައްކަތް ކަމަށް ވިދާޅުވި އެވެ.
"މިއީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ދާ މަޝްރޫއުއަކަށް ވާތީ ސްޓޭޖުތަކެއް އެބަހުރި. ޗައިނާ އެއިޑުގެ ތެރޭގައި ހުރި ހުރިހާ މަރުހަލާތަކެއް ކުރިއަށް ގެންދަން ޖެހޭނެ. އޭގެ ތެރޭގައި ކޮންމެ މަރުހަލާއެއްގައި އަނެއް މަރުހަލާއަށް ދިއުމަށް އެއްބަސްވުންތަކެއް ހެދިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާގެ ސަފީރު ވިދާޅުވީ ކައުންސިލް އިމާރާތުގެ މަޝްރޫއުގެ ފީޒިބަލް ސްޓަޑީޒް އަށް ޗައިނާ އިން ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށާ، ޗައިނާ ސަރުކާރުގެ އެހީގައި މީގެކުރިންވެސް ރާއްޖޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި މި މަޝްރޫއުވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ޗައިނާ ސަރުކާރުން ވަރަށް ގާތުން ބަލާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
މި މަޝްރޫޢަށް ފަންޑްކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ، ސިޑްކާގެ ފަރާތުންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކައުންސިލް އިމާރާތްތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް މިހާރު ވަނީ ކަނޑައަޅާފައެވެ.
ޗައިނާގެ އެހީގައި ކައުންސިލް އިމާރާތް އަޅާ ރަށްތަކަކީ؛ ހއ.ވަށަފަރު، ހއ.އިހަވަންދޫ، ހއ.ދިއްދޫ، ހދ.ކުމުންދޫ، ހދ.ނޭކުރަންދޫ، ހދ.ވައިކަރަދޫ، ށ.ފޭދޫ، ށ.ކޮމަންޑޫ، ށ.ގޮއިދޫ، ށ.ނަރުދޫ، ނ.ހެނބަދޫ، ނ.ޅޮހި، ނ.ފޮއްދޫ، ނ.މަނަދޫ، ނ.މަގޫދޫ، ނ.ލަންދޫ، ރ.ވާދޫ، ރ.ހުޅުދުއްފާރު، ބ.ކަމަދޫ، ބ.ކުޑަރިކިލު، ބ.ފެހެންދޫ، ބ.އޭދަފުށި، ބ.ތުޅާދޫ، ބ.ކިހާދޫ، ޅ.ކުރެންދޫ، ކ.ހިންމަފުށި، ކ.ކާށިދޫ، ކ.ގުރައިދޫ، ކ.ތުލުސްދޫ، ކ.ގާފަރު، އދ.ކުނބުރުދޫ، އދ.މަހިބަދޫ، އދ.ފެންފުށި، މ.މުލި، މ.ދިއްގަރު، މ.މުލައް، ފ.ފީއަލި، ދ.ހުޅުދެލި، ދ.ބަނޑިދޫ، ތ.އޮމަދޫ، ތ.ގާދިއްފުށި، ތ.ބުރުނީ، ތ.ގުރައިދޫ، ތ.ވޭމަންޑޫ، ލ.މާބައިދޫ، ލ.ކުނަހަންދޫ، ލ.މާވަށް، ގދ.މަޑަވެލި، ގއ.މާމެންދޫ އަދި ގއ.ނިލަންދޫ އެވެ.
ކައުންސިލް އިދާރާތައް އިމާރާތް ކުރުމުގެ މަޝްރޫއު މީގެ ކުރިންވެސް މި ސަރުކާރުން އިއުލާންކޮށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައި ވެއެވެ. އެހެންނަމަވެސް އޭގެ ފަހުން ގިނަ ދުވަސްތަކެއް ފާއިތުވި ނަމަވެސް އެ މަޝްރޫއުގެވެސް އަމަލީ މަސައްކަތް އަދި ފެށޭވަރެއް ނުވެއެވެ.