ރައީސް މުއިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޖޭއެސްސީގެ ބައެއް މެންބަރުންނާއެކު.-- ފޮޓޯ: ރައީސް އޮފީސް
ޖުޑީޝަރީގެ މިނިވަންކަން ދަމަހައްޓަން އދ. އިން ސަރުކާރަށް ގޮވާލައިފި
ފިޔެސް 19 މޭ 2025 (ހޯމަ)   23:51
ރާއްޖޭގޭ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ އެއްގޮތަށް ޖުޑީޝަރީގެ މިނިވަންކަން ދަމަހައްޓައި ރައްކާތެރިކުރުމަށް އދ. އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަދާކުރާ އިހުތިރާމާމެދު ކަންބޮޑުވުން އުފެދޭ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފަނޑިޔާރުންނާ ދެކޮޅަށް ތަހުގީގުތައް ފެށުމާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައި، އިތުރު ދެ ފަނޑިޔާރުން މަޖިލީހުން ވަކިކުރުމާއެކު، އުއްތަމަފަނޑިޔާރު މަގާމުން ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާތީ ވެސް އެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

"ފަނޑިޔާރުންގެ މައްޗަށް ތަހުގީގުތައް ކުރިއަށްގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ދަނީ ފާޅުކުރަމުން. މިކަން ހިނގާފައި މިވަނީ ސިޔާސީ ޕާޓީތައް ބަދަލުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ފުރުސަތު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާ ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް،" ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ގާނޫނުއަސާސީއާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ވާޖިބުތަކާ އެއްގޮތަށް، މިނިވަން ޖުޑީޝަރީއެއް ދެމެހެއްޓުމަށާއި ހިމާޔަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވައުދުވެފައި ވާކަން އެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.

ދައުލަތުގެ އެކި ބާރުތަކާއެކު ވަރުގަދަ އަދި މިނިވަން ޝަރުއީ ނިޒާމެއް އޮތުމަކީ، ސަރުކާރުގެ ހުރިހާ ބާރުތަކަކުން ގާނޫނުގެ ވެރިކަމަށް ތަބާވުމަށާއި އިންސާނީ ހައްގުތައް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކުރުން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މި ހިނގާ މެއި 14 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓަކުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ވަކި ކުރީ ޖޭއެސްސީ އިން ގާނޫނާ ހިލާފަށް ހިންގި ތަހުގީގަކަށް ބިނާކޮށް ކަމަށް ގާނޫނީ ތަޖުރިބާ ކާރުން ބުނެފައި ވެއެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ކުރިއަށް ދިޔައިރު އެކަން މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް އެ ކޮމިޓީގެ ސަމާލުކަމަށް ގެނައެވެ.

އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ވެސް ވަނީ މީގެކުރިން މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ކޮމެންޓް