މިއީ އެތައް ދުވަހަކަށްފަހު ވެސް އެ ސަރަހައްދަށް ވެއްދުނު ފުރަތަމަ އެހީގެ ބެޗް ކަމަށްވާއިރު، މީގެ ކުރިނ ޔަހޫދީންގެ ހަނގުރާމަ އެންމެ ހޫނުވެގެން ނުދާއިރު ދުވާލެއްގެ މައްޗަށް 500 އަށްވުރެ ގިނަ ޓްރަކްގެ އެހީ ދުވާލެއްގެ މައްޗަށް ޣައްޒާއަށް ވައްދަމުން އައިސްފައިވާ ކަމަށް ވެސް ބައިނަލް އަގުވާމީ މީޑިއާތަކުން ބުނެއެވެ.
ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކެރެމް ޝަލޯމް ކްރޮސިންގ މެދުވެރިކޮށް ފުށާއި، ކުޑަކުދިންގެ ކާނާ އަދި ނިއުޓްރިޝަނަލް ސަޕްލިމެންޓްސް ބަރުކޮށްގެން 90 ޓްރަކް ޣައްޒާއަށް ވަދެފައިވާ ކަމަށް ޔޫއެން ގެ އިންސާނީ ކަންކަމާބެހޭ އޭޖެންސީއާއި ސަރަހައްދުގެ އޮފިޝަލުން މައުލޫމާތު ދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެހީ ފޯރުކޮށްދިނުމަށް ޓްރަކްތައް ވަނުމަށް އިޒްރޭލުން ހުއްދަ ދީފައިވަނީ އެންމެ މަގަކުން ކަމަށް ވާތީ މި އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކެއް ވެސް ކުރިމަތިވަމުން އަންނަކަމަށާ، އަދި ހުއްދަ ދިން އެ މަގަކީ ވަރަށް ބޮޑަށް ތޮއްޖެހި، ރައްކާތެރިކަން ކުޑަ އަދި ވައްކަންކުރުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު މަގެއްކަމަށް
ޔޫއެން ގެ ސްޕޯކްސްޕަރސަން ސްޓެފާން ޑުޖާރިކް ވިދާޅުވެފައި ވެއެވެ.
ދިގު މުއްދަތަކަށް ފަހު ޣައްޒާއަށް ކާބޯތަކެތި ވައްދަން ހުއްދަ މި ދިނީ، ޣައްޒާގައި ބޮޑު ބަނޑުހައިހޫނުކަމެއް އުފެދިދާނެކަމަށް ކަންބޮޑުވާ އެކުވެރި ގައުމުތަކުގެ ޝަކުވާތަކާ ގުޅިގެން މަޖުބޫރުވެގެން ކަމަށާ، ނަމަވެސް ހުއްދަދޭނީ ވެސް ކުޑަ މިންވަރެއްގެ ކާބޯތަކެތި ޣައްޒާއަށް ވެއްދުމަށް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މީގެ ކުރިން ބުނެފައި ވެއެވެ.