ޝާހިދު އަކީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެފަހަރުގެ އިންތިހާބުގައި ރާއްޖޭގެ ފަރާތުން އޭރުގެ ފޮރިން މިނިސްޓަރު ޝާހިދު ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ޝާހިދުއާ ވާދަ ކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ.
އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ދައުރުގެ ނައިބު ރައީސަކަށް ރާއްޖެ އިންތިހާބުވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ ރާއްޖެއިން ހޯދި އެ ކާމިޔާބީއަށްޓަކައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އަރިސް ކުރައްވައިފައެވެ.
ނިއުޔޯކްގައި އިއްޔެ ބޭއްވި އިންތިހާބުގައި އޭޝިއާ ޕެސިފިކް ގްރޫޕަށް މި ސެޝަނަށް ލިބެން ހުރި ފަސް ގޮނޑި ފުރުމަށް ރާއްޖެ، ބަންގްލަދޭޝް، ލުބްނާން، ސައުދީ އަރަބިއްޔާ އަދި ޓިމޯރު ލެސްޓޭ ވަނީ އިންތިހާބުކޮށްފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެ ސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ރައީސަށް ސެޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސްގެ ޒިންމާތައް އަދާކުރުމެވެ.
މީގެ އިތުރުން އދ. ގައި ހިންގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތް ވެސް ނައިބު ރައީސުންނާ ހަވާލުކުރެވެ އެވެ. ސަފީރުންނާއި ތަޖުރިބާކާރުންނާ އެކު ބާއްވާ އދ. ގެ ނުރަސްމީ ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ރާއްޖެ އިންތިހާބުވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ، ރާއްޖޭގެ ބައިވެރިންނާ ގުޅިގެން، އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބު ސެޝަނަކަށް ހެދުމުގައި ރާއްޖޭން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަދި ރާއްޖެ އަށް އދ. ގެ މެމްބަރުކަން ލިބުނުތާ 60 އަހަރުން ފުރުން ފާހަގަކުރާއިރު، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ނައިބު ރައީސްކަމުގެ ދައުރު ފެށޭއިރު، އެއް އަހަރު ދުވަހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.