ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމުގައި ތިއްބެވި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ އެ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމް އަދި ހައިކޯޓުގެ ކުރީގެ ފަނޑީޔާރު ޢަބްދުﷲ ޙަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދޭން ޖޭއެސްސީން އިއްޔެ ނިންމިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް ރައިސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމުގެ ނަމުގައި، ފުރަތަމަ މަރުހަލާގެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކުރަން އިއުލާންކުރާ ބީދައިން އިއުލާންކޮށް ހިންގާ އެންމެހައި އިޖްރާއާތަކީ އެއްވެސް އަސްލެއް ނެތް ބާތިލް އިޖްރާއަތެއް ކަމަށެވެ.
އަދި ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީ (ޖުޑީޝަލް ސާވިސް ކޮމިޝަން) އިން ކުޅެނީ ޑްރާމާ ކަމަށް ވިދާޅުވެ ދީދީ ވިދާޅުވީ، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާ ކަނޑައެޅިގެން ހިލާފަށް ފެށިގެންދިޔަ ޣައިރު ދުސްތޫރީ މަރުހަލާއެއްގެ ދަށުން، އަދުލު އިންސާފް ގާއިމްކުރުމުގެ ބާރުގެ އެންމެ މަތީ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ދުރުކޮށް، އެ ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީ އަށް ލިބިގެން ނުވާ ބާރެއްގެ ދަށުން، އެ ކޮމިޝަނުން ހިންގާފައިވާ ޣައިރު ދުސްތޫރީ އިޖްރާއާތަކީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި، 159 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ހިންގާފައިވާ ބާތިލް އިޖްރާއަތެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
"ޣަައިރު ދުސްތޫރީ ބާތިލް އިޖްރާއާތެއްގެ ދަށުން ފަނޑިޔާރުން ވަކިކުރުމަށްފަހު، އައްޔަންކުރާ ފަނޑިޔާރުންނަކީ ވެސް ބާތިލް އިޖްރާއާތެއްގެ ދަށުން އައްޔަންކުރެވިފައިވާ ފަނޑިޔާރުން ކަމުގައި މެނުވީ ނުވާނެ." ދީދީ ވިދާޅުވި އެވެ.
އަދި ޖަދަލުގެ ބޭނުމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވުނީ ސައްހަ އިޖްރާއާތެއްގެ ދަށުން ކަމަށް ބެލި ނަމަވެސް، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީން މިފަހަކަށް އައިސް ކުޅޭ ޑްރާމާ އަކީ އެއްވެސް ހާލެއްގައި ޤާނޫނުއަސާސީގެ މަފްހޫމެއް އަދި ތަސައްވުރެއް ވެސް ނޫންކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ ޤާނޫނުއަސާސީގެ ތަސައްވުރަކީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަން ޖެހިއްޖެނަމަ، ބާ އާއި ބެންޗް ގައި ހިމެނޭ "ރިނައުންޑް" ވަކީލުން/ފަނޑިޔާރުން ގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ފަރާތެއް އައްޔަންކުރުމާ މެދު ޖޭއެސްސީގެ މަޝްވަރާޔާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ފަހު އައްޔަންކުރުން ކަމަށެވެ.