ފަލަސްތީނަށްޓަކައި އެކަނިމައި އެކަނި
ފިޔެސް 20 މޭ 2025 (އަންގާރަ)   09:51
ޔަހޫދީ އިސްރާއީލުގެ ނިރުބަވެރިން، ފަލަސްތީނުގައި ހިންގަމުންއަންނަ ނަސްލު ނައްތާލުމުގެ ގަތުލުއާންމާ ދެކޮޅަށް، ހުސްވި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މަގުތަކަށް، އެކަނިމައި އެކަނި ނުކުމެ، ސިލްސިލާކޮށް އިހުތިޖާޖު ކުރަމުން އަންނަ މި މީހާއަކީ އާދަޔާޚިލާފު ޝަހްސިއްޔަތެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ފާހަގަކުރާ މީހެކެވެ.

"ޔުސުކޭ ފުރުސާވާ" ނަމަކަށް ކިޔާ މި މީހާއަށް ގިނަ ބައެއްގެ ޝައުގުވެރިކަމާއި ލޯބި ލިބެމުންއަންނައިރު، ބައިނަލް އަގުވާމީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ޔުސުކޭ ބުނަނީ، އޭނާ މި ކުރަނީ އެކަނިމައި އެކަނި ނަމަވެސް ކޮންމެހެން ކުރުން މުހިންމު އިހުތިޖާޖެއް ކަމަށެވެ.

އަދި އޭނާ އިހުތިޖާޖު އެކުރަނީ އޭނާގެ އެކަނި އަޑު އުފުލުމަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު، ހުއްޓުމަކަށް އަންނާނެ ކަމަށް ދެކިގެން ކުރާ ކަމެއް ނޫންކަމަށް ވެސް ޔުސުކޭ ކޮންމެ ދުވަހަކުމެ ތަކުރާރުކޮށް ބުނަމުންދެއެވެ.

“ނަސްލު ނައްތާލުމާ ދެކޮޅަށް” މި މައުލޫގައި ގިނަބަޔަކު ޔުސުކޭ ގެ އިހުތިޖާޖުގެ ވީޑިއޯތައް މީސްމީޑިއާގައި ހިއްސާކުރަމުން އަންނައިރު، އެ ޕޯސްޓްތަކުގެ ކޮމެންޓްގައި ގިނަބަޔަކު ބުނަމުން އައިސްފައި ވަނީ، ޔުސުކޭއަށް ތަސައްލީ ދޭންޖެހޭ ކަމަށާ، ފަލަސްތީނުގެ ހަނގުރާމައާ ދެކޮޅަށް އޭނާ ކުރާ އިހުތިޖާޖަކީ އެމީހުން ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއްކަމަށެވެ.

އަދި ޔުސުކޭއަށް އެ ހުރެވެނީ ފަލަސްތީނުގެ ވާހަކައިގެ ރަނގަޅުފަޅީގައި ކަމަށާ، މައުސޫމް އެއްވެސް ނަފްސެއް މަރާލުމަކީ ބޮޑު ގޯހެއްކަން ފާހަގަކޮށް، ގިނަބަޔަކު ބުނެފައިވަނީ، އެ ހިނގަމުންދާ ހަނގުރާމައާ މެދު މުޖުތަމައުތަކުގެ މެދުގައި ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެ ގައުމުގެ ފުލުހުން ވެސް އެކި ފަހަރުމަތިން ޔުސުކޭގެ އިހުތިޖާޖު ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް، ޔުސުކޭ އަދިވެސް ބުނަމުންދަނީ އޭނާ އެހުރީ، މި ސިލްސިލާ އިހުތިޖާޖުގައި އަދިވެސް ހުއްޓުމެއްނެތި ކުރިއަށް ދިޔުމުގެ ހިޔާލުގައި ކަމަށެވެ.

ކޮމެންޓް