އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްތީނުގެ ބިމުގައި އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރުމާ ގުޅޭ ގޮތުން ހަރުކަށި އަމަލުތައް އިސްކޮށް އެފަދަ ވާހަކަތައް ގެންދަނީ ދައްކަމުންނެވެ.
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމިކަން ހާމަކުރައްވައި، ގާނޫނު ހަދާ މަޖިލީހުގައި ލެމީ ދެއްވި ވަރުގަދަ ތަގުރީރުގައި ވިދާޅުވީ ހުޅަނގު އައްސޭރީގައި ގާނޫނުތަކާ ހިލާފަށް ޔަހޫދީން އާބާދުކުރުމުގައި އުޅުނު ޖަމިއްޔާތަކައި ފަރުދުންނާ ދެކޮޅަށް އިނގިރޭސި ވިލާތުން ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެގެންދާތަން ބަލަން އިނގިރޭސި ވިލާތަށް ނޯވެވޭނެ ކަމަށް ވިދާޅުވެ ލެމީ ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ މަޝްވަރާތައް މި ހިސާބުން މެދުކަނޑާލީ ކަމަށާ، މިކަންކަން ކޮންމެހެން ވެސް ކުރަން މި ޖެހުނީ ނަތަންޔާހޫގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.
އިނގިރޭސި ވިލާތުގެ މި ނިންމުމާ އެކު އިޒްރޭލުން ރައްދު ދެމުން ބުނެފައި ވަނީ، އިޒްރޭލު ނައްތާލަން އުޅޭ ދުޝްމަނުންނާ ދެކޮޅަށް ކުރާ މަސައްކަތަކީ ބޭރުގެ ޕްރެޝަރަކާ ހެދި ހުއްޓާނުލާނެ ކަމެއް ކަމަށާ، އިޒްރޭލާ ދެކޮޅު ފިކުރު އަދި ދާހިލީ ސިޔާސީ ސަބަބުތަކަށްޓަކައި އިނގިރޭސި ސަރުކާރުން އެ ގައުމުގެ އިގްތިސާދަށް ގެއްލުން ދޭން ތައްޔާރަށް އޮތް ނަމަ އެއީ އެ ގައުމުގެ އަމިއްލަ ކަމެއް ކަމަށެވެ.