މި ފޯރިގަދަ ލަވައިގެ ލީޑް ރޯލުން ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި އެކަތި ބޮޑުބެރު ގުރޫޕުގެ ލީޑް ވޯކަލިސްޓް އަދި މެނޭޖަރު ހަމްދާން ސަލީމެވެ.
ދިވެހި ސަގާފީ ހަރަކާތްތަކާއި ޒަމާނީ ކުލަތަކާއި ނެށުންތައް ދައްކުވައިދޭ މި ލަވަ ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ފިލްމީ ތަރި މުއާ އާއި ސޭންޑީ އެވެ.
ލަވައިގެ ޓްރެއިލާ މީގެ ތިން ދުވަސް ކުރިން ނެރުނު އިރު ޓްރެއިލާއަށްވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ކުލަމަޖާގެ މަންޒަރުތަކާއި މިއުޒިކަށް ހަމަ ބަނޑިތަކުން ލަވައަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓޭނެއެވެ.
އަތޮޅުތެރޭ ރަށެއްގައި އީދު ފާހަގަ ކުރާއިރު ހިނގާ އުފާވެރި ގިނަ ހަރަކާތްތައް ދައްކުވައިދޭ މި ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ބ.ކިހާދޫ ގައެވެ. ނެށުންތަކުގައި އެކަތި ބޮޑުބެރު ގްރޫޕްގެ އިތުރުން އެކްސްޓްރީމް ލެވެލް އާއި އޮނަހިރި ބޮޑުބެރު ގުރޫޕުން ބައިވެރިވެފައިވެއެވެ.
އެކަތި ބޮޑުބެރުން އެމީހުންގެ އޮރިޖިނަލް މިއުޒިކް ހިތްގައިމު ވީޑިއޯތަކާއެކު ދޭތެރެއަކުން އާންމު ކުރެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެ ގްރޫޕުން އާންމުކުރި "މަރިޔަމް މަލާ" އަކީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ވައިގައިހިފި ހިތްގައިމު ލަވައެކެވެ. "މަރިޔަމް މަލާ" ގެ ޖާދޫގައި ގިނަބަޔަކު ޖެހި ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އެ ލަވަ ވައިރަލްވިއެވެ.