ބްރޯޑްކޮމްގެ އެސްޖީ ސަސްޕެންޑްކޮށްފައި މި ވަނީ، ކޮމިޝަންގެ މެންބަރުންނާ ގުޅޭ ގޮތުން އިދާރީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހިމެނޭ ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ޒީނިޔާ ސަސްޕެންޑް ކުރަން ނިންމީ އޭނާއާ ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލައެއްގައެވެ. ބްރޯކޮމްއިން މިއަދު ބޭއްވި ބައްދަލުވުމުގައި ޒީނިޔާ ސަސްޕެންޑް ކުރިކަން އެ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް ވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.
"ސުލޫކީ މައްސަލައަކަށް އިދާރީ ގޮތުން ތިން ދުވަހަށް ސަސްޕެންޑް ކުރީ. އެއީ، ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ އާއި އަދި ކޮމިޝަނަށް އިހުތިރާމް ނުކުރާތީ." ސަފާ ވިދާޅުވެފައި ވެއެވެ.
މިކަމާ ގުޅިގެން ޒީނިޔާގެ ބަހެއް ހޯދުމަށް ގުޅުމުން އޭނާ ވިދާޅުވީ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށްބުނެ، އެކަމާ ގުޅުންހުރި ލިޔުންތަކެއް މިއަދު ލިބިފައިވާ ކަމަށާ، އެހެންނަމަވެސް އެކަމާ ގުޅޭގޮތުން މީޑިއާއާ އެއްވެސް ވާހަކައެއް ހިއްސާކުރައްވަން ބޭނުން ނުވާކަމަށެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ޒީނިޔާ އައްޔަންކުރީ މާޗް 2022 ގައެވެ.
މިފަހުން ބްރޯޑްކޮމްގެ 18 މުވައްޒަފަކު ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަ ކޮށްފައިވަނީ، ކޮމިޝަނުގެ ރައީސާއި ނައިބްރައީސް އަދި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، ކޮމިޝަނުގެ ހިންގާ ގަވާއިދާއި އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންގެންދާ ކަމަށެވެ.
"މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮނެޖެހުންތަކާ ގުޅިގެން ހުށަހަޅާ ޕެޓިޝަން،" ގެ ނަމުގައި މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.