އެ މަގާމުން އޭނާ ވަކިކުރީ އިއްޔެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮތުގައި އޭނާ މަގާމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރުން ހިމެނެއެވެ.
ޒީނިޔާ އެ މަގާމުން ވަކިކުރި އިރު، މިމަހުގެ 20 ވަނަ ދުވަހު އޭނާ ވަނީ ތިން ދުވަހަށް ސަސްޕެންޑު ވެސް ކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ. އަދި މެންބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރާތީ އިދާރީ ފިޔަވަޅެއްގެ ގޮތުންނެވެ.
އަދި ޖެހިގެން އައި ދުވަހު އެކަމާ ދެކޮޅަށް އަދި ބްރޯޑްކޮމް މެންބަރުންގެ ފަރާތުން އެ ކޮމިޝަންގެ މުވައްޒަފުންނާމެދު އަމަލު ކުރަމުންދާ ގޮތުންނާއި ކޮމިޝަންގައި ހުރި މައްސަލަތަކުގެ ސަބަބުން ވަޒީފާ އަދާކުރެވޭފަދަ މާހައުލެއް ނެތްކަމަށް ބުނެ އެ ކޮމިޝަންގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އިހުތިޖާޖު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި ގެއަށްދިޔައެވެ.
އެދުވަހު މުވައްޒަފުންގެ ފަރާތުން ބްރޯޑްކޮމްގެ ޑިރެކްޓަރ އަޙްމަދު ރާޝިދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސައްކަތް ކުރުމުގެ މާހައުލު ރަނގަޅު ގޮތަކަށްވޭތޯ މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާ، އެކަން އެގޮތަށް ނުވެ އޮއްވާ އެ ކޮމިޝަންގެ އެސްޖީ ސަސްޕެންޑް ކުރުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އެސްޖީ ސަސްޕެންޑްކުރި ވާހަކައެއް. އެވެސް ޚަބަރުން އަޅުގަނޑުމެންނަށް މި އެނގުނީ. އިދާރާއަކުން އެންގީކީ ނޫން. އެހެންވީމާ އަޅުގަނޑުމެން ގޮވައިގެން އުޅޭނެ މީހަކު ނެތީމާ އަޅުގަނޑުމެން މިއަދު މަސައްކަތުގައި ތިބުމަކީ އެކަށީގެން ނުވާކަމަކަށްވާތީ މަސައްކަތް ހުއްޓާލީ." ރާޝިދު ވިދާޅުވިއެވެ.
ޒީނިޔާ އެސްޖީގެ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެންބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. ކޮމިޝަންގައި މަސައްކަތްކުރާ 18 މުވައްޒަފަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަ ކޮށްފައިވަނީ، ކޮމިޝަނުގެ ރައީސާއި ނައިބްރައީސް އަދި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، ކޮމިޝަނުގެ ހިންގާ ގަވާއިދާއި އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންގެންދާ ކަމަށެވެ.
ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް ވެސް ވަނީ މިދިޔަ ބުދަ ދުވަހު ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ ހަތް ދުވަހަށެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ޒީނިޔާ އައްޔަންކުރީ މާޗް 2022 ގައެވެ.