ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ބްރޯޑްކޮމް
ބްރޯޑްކޮމްގެ އައިޓީ އޮފިސަރު 7 ދުވަހަށް ސަސްޕެންޑުކޮށްފި
އަންގާރަ ދުވަހު ވަނީ އެ ކޮމިޝަންގެ އެސްޖީ ވެސް ސަސްޕެންޑްކޮށްފައި
މަރްޔަމް މުޙައްމަދު 22 މޭ 2025 (ބުރާސްފަތި)   09:38
ބްރޯޑްކޮމް (މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން) ގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ އެ ކޮމިޝަންގެ އެސްޖީ ވެސް ސަސްޕެންޑްކޮށްފައި ވަނިކޮށް، ކޮމިޝަންގެ އައިޓީ އޮފިސަރު އަޙުމަދު ފަޒީލް ވެސް މިއަދުން ފެށިގެން ހަތް ދުވަހަށް އޮފީހަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑުކޮށްފި އެވެ.

އޭނާ ސަސްޕެންޑްކުރި ސީދާ ސަބަބު ނޭނގުނު ނަމަވެސް، ފުލުހުން ރޭ ބުނެފައި ވަނީ، ބްރޯޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބްރޯޑްކޮމްގެ ރިކުއެސްޓަކަށް، އެތަނަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން އިއްޔެ ވަދެފައިވާ ކަމަށެވެ.

ބްރޯޑްކޮމްގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ އެ ކޮމިޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް އިއްޔެވަނީ މަސައްކަތް ހުއްޓާލައި ބްރޯޑްކޮމްއާ ދެކޮޅަށް އަޑު އުފުލުމަށް ފަހު ގެއަށް ވެސް ގޮސްފަ އެވެ.

ފިޔެސްއަށް މައުލޫމާތު ލިބޭ ގޮތުގައި، ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ ސަސްޕެންޑުކުރީ ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމުންނާއި ނިންމުންތައް ބަލައިނުގަންނަކަން އެ ކޮމިޝަންގެ ވެރިންނަށް އެނގި އޭނާއާ ބެހޭ ސުލޫކީ މައްސަލައެއް ބަލަމުންދާތީއެވެ.

މިފަހުން ބްރޯޑްކޮމްގެ 18 މުވައްޒަފަކު ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނެއްގައި ފާހަގަ ކޮށްފައިވަނީ، ކޮމިޝަނުގެ ރައީސާއި ނައިބްރައީސް އަދި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، ކޮމިޝަނުގެ ހިންގާ ގަވާއިދާއި އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންގެންދާ ކަމަށެވެ.

"މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮނެޖެހުންތަކާ ގުޅިގެން ހުށަހަޅާ ޕެޓިޝަން،" ގެ ނަމުގައި މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ކޮމެންޓް