ބްރޯޑްކޮމްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން މިފެށީ، ކޮމިޝަންގެ މެންބަރުންނާ ގުޅޭ ގޮތުން އިދާރީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހިމެނޭ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމާއެކު، އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.
މިއަދު ހެނދުނު އޮފީހަށް ހާޒިރުވުމަށްފަހު މުވައްޒަފުން މަސައްކަތް ހުއްޓާލައި 8:30 ހާއިރު ވަނީ ބްރޯޑްކޮމް އޮފީސް ހުންނަ ގ.ބިއްލޫރިޖެހިގެ ބޭރުގައި މަޑުކޮށްފައެވެ.
އެ ވަގުތު މުވައްޒަފުންގެ ފަރާތުން ބްރޯޑްކޮމްގެ ޑިރެކްޓަރ އަޙްމަދު ރާޝިދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސައްކަތް ކުރުމުގެ މާހައުލު ރަނގަޅު ގޮތަކަށްވޭތޯ މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާ، އެކަން އެގޮތަށް ނުވެ އޮއްވާ އެ ކޮމިޝަންގެ އެސްޖީ ސަސްޕެންޑް ކުރުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އެސްޖީ ސަސްޕެންޑްކުރި ވާހަކައެއް. އެވެސް ޚަބަރުން އަޅުގަނޑުމެންނަށް މި އެނގުނީ. އިދާރާއަކުން އެންގީކީ ނޫން. އެހެންވީމާ އަޅުގަނޑުމެން ގޮވައިގެން އުޅޭނެ މީހަކު ނެތީމާ އަޅުގަނޑުމެން މިއަދު މަސައްކަތުގައި ތިބުމަކީ އެކަށީގެން ނުވާކަމަކަށްވާތީ މަސައްކަތް ހުއްޓާލީ." ރާޝިދު ވިދާޅުވިއެވެ.
އިތުރު މައުލޫމާތު ދެއްވަމުން ރާޝިދު ވިދާޅުވީ ބްރޯޑްކޮމް އޮފީހުގެ ހާލަތު ވަރަށް ދަށްކަމަށާއި ވަސީލަތްތައްވެސް ނެތްކަމަށެވެ. މިއަދުވެސް މަސައްކަތަށް ނުކުތްއިރު ސާވާހުރީ ޑައުންވެފައިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަށޭނަ ވަސީލަތް ނެތި މުވައްޒަފުން މަސައްކަތް ކުރިނަމަވެސް ކޮމިޝަންގެ މެންބަރުން އެކަން ބަލައި ނުގަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮމިޝަންގެ މެންބަރުންނާމެދު އޮތް ކަންބޮޑުވުންތަކާ ގުޅޭގޮތުން ރާޝިދު ވިދާޅުވީ ބްރޯޑްކޮމްގައި މަސައްކަތްކުރާ މުވައްޒަފުންނާ ދޭތެރޭ އިންސާނިއްޔަތު ކަމުގެ ނަޒަރަކުން ބައްލަވައިދެއްވުމަށް މެންބަރުންގެ އަރިހުން އެދޭ ކަމަށާ މުވައްޒަފުންތަކެއް ގޮވައިގެން އުޅެވޭނީ ކޮންމެވެސް ކަހަލަ ޔަގީންކަމެއް އެ މުވައްޒަފުންގެ މައްޗަށް އޮވެގެން ކަމަށެވެ.
"މައްސަލައަކަށް ވާކަމަކީ، ޝައްކު މާބޮޑަށް ކުރަނީ. އަޅުގަނޑުމެން އެބޭފުޅުންނަށް ވަފާތެރިކޮށް ތެދުވެރިކޮށް ނުވާނެކަމަށް. އަޅުގަނޑުމެންނަކީ ތެދުވެރިކަމާއި ވަފާތެރިކަންމަތީ ތިބޭނެ ބައެއް." ރާޝިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެސްޖީގެ އިތުރުން އެހެން މުވައްޒަފަކާ މެދުވެސް ފިޔަވަޅު އަޅާފައި ވާކަމަށާ، ކުރިއަށް އޮތްތަނުގައި ދެން އެތަނުގައި ތިބި މުވައްޒަފުންނާމެދު އަމަލުކުރާނީ ކިހިނެއްކަމެއް ނޭނގޭ ކަމަށެވެ. އެ މުވައްޒަފުންނަކީ ކިޔަމަންތެރިކަމާއެކު މަސައްކަތް ކުރަމުންދާ މުވައްޒަފުން ކަމަށާ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ކޮމިޝަންގެ މެންބަރުން އިޖާބަ ދެއްވައި އެސްޖީއާމެދު އަޅާފައިވާ ސަސްޕެންޑް ކުރުމުގެ ފިޔަވަޅު އުވާލުމަށް މުވައްޒަފުން އެދޭކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެސްޖީއާމެދު އަޅާފައިވާ ފިޔަވަޅަކީ އިންސަފުވެރި ފިޔަވަޅެއް ނޫންކަމަށް ގިނަ މުވައްޒަފުން ގަބޫލުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުވައްޒަފުންގެ ކަންބޮޑުވުންތައް ހިއްސާކުރަން މެންބަރުންނާ ބައްދަލުކުރަން ފުރުސަތު ނުލިބޭ ކަންވެސް ރާޝިދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ހުރި މައްސަލަތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާ "މިކަންކަމަށް ތަސައްލީއެއް ލިބެންދެން މަސައްކަތް ހުއްޓާލައިގެން މިތިބީ." ކަމަށެވެ.
ފަންސަވީހަކަށް މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ ބްރޯޑްކޮމްގެ 18 މުވައްޒަފަކު ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަ ކޮށްފައިވަނީ، ކޮމިޝަނުގެ ރައީސާއި ނައިބްރައީސް އަދި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، ކޮމިޝަނުގެ ހިންގާ ގަވާއިދާއި އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންގެންދާ ކަމަށެވެ.
"މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮނެޖެހުންތަކާ ގުޅިގެން ހުށަހަޅާ ޕެޓިޝަން،" ގެ ނަމުގައި މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.