ރައީސް މުޙައްމަދު ނަޝީދު، ރައީސްކަން ކުރެއްވި ދުވަސްވަރު ފެރީއަކަށް އަރާވަޑައިގަންނަވަނީ: ދަތުރުފަތުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ފެއްޓެވި.-- ފޮޓޯ: ރައީސް އޮފީސް
ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ހުރަހެއް
ފިޔެސް 20 މޭ 2025 (އަންގާރަ)   18:33
ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލާ، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންނަމަވެސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިވާހަކަ މިހެން ވިދާޅުވުމަށްފަހު ބައެއް ރަށްރަށުގެ ނަންތައްވެސް ފާހަގަކުރައްވާފައި ވެއެވެ.

"ކުޅުދުއްފުށީ އެއާޕޯޓަކީވެސް ވަރަށް ދެރަކޮށް ކުރެވިފައި އޮތް ކަމެއް. އަދި ތިނަދޫގައި އެއާޕޯޓެއް އެޅުންވެސް ވާނީ ގޯހަކަށް. ފައިނު ގައިވެސް އެއާޕޯޓް އެޅުން ރަނގަޅެއް ނޫން." ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމުގެ ވާހަކައަކީ ރައީސް ނަޝީދުގެ އެންމެ ފުރަތަމަ ރިޔާސީ ކެމްޕޭންގައި އާންމުވެގެން އައި ވާހަކަ އެކެވެ. އެފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެކަމަށްޓަކައި މަސައްކަތްތަކެއް ކުރައްވައި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ފެއްޓެވިއެވެ.

އަދި އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހައިސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖޭގެ ރަށްތައް ގުޅުވާލުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށް ގެންދިޔައެވެ. އާރުޓީއެލް ގެ ނަމުގައި ކުރީ ސަރުކާރުން ފެށި އެ މަޝްރޫއު މި ސަރުކާރުންވެސް ކުރިއަށް އެބަ ގެންދެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި އެއާޕޯޓް އެޅުމަށް ރައްޔިތުންގެ ފަރާތުން އެދެމުންދާތީ ކެންޑިޑޭޓުންގެ ފަރާތުން އެ ވައުދު ވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެކަމަކު އިގްތިސޯދީ ގޮތުން ބަލާއިރު "ކޮންމެ ރަށެއްގައި އެއާޕޯޓެއް" އެޅުމަކީ ދައުލަތުން ކުރާ އިސްރާފެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

ކޮމެންޓް