މިއަދު ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ.
ރައީސް ނަޝީދު މިއަދު މެންދުރުފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، ފަނޑިޔާރުން ބަދަލުކުރަންޖެހޭ ކަމަށް އާ ވެރިންގެ ހިތަށް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
"ރައީސް ބޭނުންވާ ވާއިރަށް ފަނޑިޔާރުން ބަދަލު ކުރުމަކީ ފެހި ގާނޫނު އަސާސީން ތަސައްވުރު ކުރި ގޮތެއް ނޫން. އެކަމަކު މި ގާނޫނު އަސާސީ ބައްޓަންކޮށްފައި މިވަނީ އުންމީދު ކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް."
2008 ވަނަ އަހަރު އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއެކު އާ ސުޕްރީމްކޯޓު އެކުލަވާލަން ޖެހުނު ކަން ފާހަގަ ކުރައްވައި، އޭގެ ފަހުން 2013 އާއި 2018 އަދި 2023 ގެ އިންތިހާބުތަކަށް ފަހުގައި، ކޮންމެ ވެރިކަމަކުން ވެސް ވަނީ ފަނޑިޔާރުން ބަދަލުކޮށްފައިކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"އެއީ ވަރަށް ބޮޑު ދެރައެއް، އަދި ގޯހެއް. މިކަން ނުވާނެ ގޮތަކަށް ނިޒާމް ބަދަލު ކުރަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.