ރައީސް ނަޝީދާއި އުއްތަމަފަނޑިޔާރު މުއުތަސިމް.--
އުއްތަމަ ފަނޑިޔާރާ މުއާމަލާތް ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
މަރްޔަމް މުޙައްމަދު 27 މޭ 2025 (އަންގާރަ)   08:36
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާ އެއްވެސް މުއާމަލާތެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ، ރާއްޖެ އެމްވީގައި ޝާއިއުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ. " އުއްތަމަ ފަނޑިޔާރު މުއުތަސިމް ގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރުގައި ބުނެފައިވަނީ، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމުމުން، އުއްތަމަ ފަނޑިޔާރު، ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި އެވާހަކަ ދެންނެވި ކަމަށެވެ. އެއާ އެކު އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު މުއުތަސިމަށް ދެންނެވި ކަމަށެވެ.  

އެ ވާހަކަތައް ދޮގުކޮށް ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ "އަލިފުން ޔާޔަށް އޭގައި އެހެރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު" ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫނެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާމެދު ވެސް ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ.

މުއުތަސިމް އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަނު ކުރީވެސް އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ރައީސް ނަޝީދު ގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާން ރައީސް ނަޝީދު ވަނީ އެކްސްގައި ވެސް ހިއްސާ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެ ބާވަތުގެ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލަން ދަންނަވާ ކަމަށެވެ.

ކޮމެންޓް