ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގަ އެވެ.
"އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،" އެމްޑީޕީ އުފެއްދެވުމުގައި ވެސް އެންމެ އިސްކޮށް ހުންނެވި ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު، އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި އެތައް އަހަރެއް ހޭދަކުރެއްވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގަތީ 2023 ޖޫން 21 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުން ތަކަށްފަހުއެވެ.
ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދިއެވެ. އެ ޕާޓީއަށް ނަޝީދުވެސް ސޮއިކުރެއްވިއެވެ. ނަޝީދު އަދިވެސް ހުންނެވީ އެ ޕާޓީގައި ހުންނެވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގަސްތުކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓުގައި ކަމެއް އަދި ވިދާޅެއް ނުވެއެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބޭ ގައުމުތަކުން އެ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.