އެ މަނިކުފާނުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސައިން) ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިގޮތުން އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން މައުލޫމާތުދެއްވާ ގޮތުގައި، އިއްޔެ ވެސް ވަނީ އެބޭފުޅުން، އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ އިދާރާ ކަމުގައިވާ، ވެސްޓްމިންސްޓާ ޕެލަސްއަށް ޒިޔާރަތްކުރައްވާ އެ މަޖިލީހުގެ އިސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގެ ޝަރުއީ ދާއިރާއަށް އަމާޒުކުރާ ހަމަލާތަކާއި، ރައްޔިތުންގެ މަޖިލިސް ޒިންމާދާރުކުރުވޭނެ ގޮތްތައް ހުއްޓުވުމާއި، މަޖިލީސް މިހާރު ހިނގަމުންދާ ޚުދުމުހުތާރު ކަމާއި، މުސްތަގިއްލު ކޮމިޝަންތަކާއި މީޑިއާއަށް ނުފޫޒު ފޯރުވުމާއި ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކުރަމުންދާ އަމަލުތަކުގެ ސަބަބުން ރާއްޖޭގައި ޑިމޮކްރަސީ ފަހަތަށް ޖެހެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މަޝްވަރާތައް ކުރައްވާފައެވެ.
އެގޮތުން މި ސަރުކާރުން ރާއްޖޭގެ ޤާނޫނު އަސާސީއަށް ފާޅުގައި ފުރައްސާރަކޮށް، ޝަރުއީ މިނިވަންކަން ފޮހެވި، މީޑިއާގެ ފުރިހަމަ މިނިވަންކަން ނެތި، މުއައްސަސާތަކުގައި ކޮރަޕްޝަން އިންތިހާއަށް ގޮސް، ރާއްޖޭގައި ޑިމޮކްރަސީ އެތައްތަނެއް ފަހަތަށް ޖެހެމުންދާ ސަބަބުތައް އެ ވަފުދުގެ ބޭފުޅުން ވަނީ ޔޫކޭގެ ޕާލަމެންޓުގެ ބޭފުޅުންނާ ތަފްސީލުކޮށް ހިއްސާކުރައްވާފައެވެ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ވަފުދުގެ ބޭފުޅުން އިނގިރޭސިވިލާތުގައި
އަދި މީގެ އިތުރުން ހޯމަދުވަހު، ކޮމަންވެލްތުގެ ވެރިންނާ ބައްދަލުކުރައްވާ، ރާއްޖޭގެ ޝަރުއީ ނިޒާމު ސަރުކާރުން ހައިޖެކް ކުރަމުންދާ ދިޔުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ޝާހިދުގެ ވަފުދުން ވަނީ ކޮމަންވެލްތާއެކު ހިއްސާކުރައްވާފައެވެ.
ހާއްސަގޮތެއްގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާތީ އެ މައްސަލައާ ގުޅުންހުރި ކަންބޮޑުވުންތައް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ އަށް ހުށަހެޅުއްވިއެވެ.
ސުޕްރީމް ކޯތުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި އެ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައި މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަސްޕެންޑުކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާގެ އިތުރުން، ހުސްނުއްސުއޫދެވެ.
އޭގެ ތެރެއިން ސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާއާއި އަޒްމިރަލްދާ ވަނީ މި ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ސަރުކާރުގެ ބޭނުމަކީ އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދިޔުން ހުއްޓުވުން ކަމަށް އެ ދެ ބޭފުޅުން ތުހުމަތު ކުރައްވާފައިވެއެވެ.
ފަނޑިޔާރުން ވަކިކުރާ މައްސަލަ މިއަދުގެ މަޖިލީހުގައި ތާވަލުކޮށްފައި ވުމުން ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނެއެވެ. އަދި މީގެއިތުރުން އިދިކޮޅުއެންމެބޮޑު ސިޔާސީޕާޓީ އެމްޑީޕީން ވަނީ މަޖިލިސް އިދާރާ ކައިރިއަށް އެއްވެ އިހުތިޖާޖުކުރުމަށް ވެސް ނިންމާފައެވެ.