ބިލެތްދޫ ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު އަޙުމަދު ހަލީމް (ދޮންބިލެތް) _ ފޮޓޯ:އެމްޑީޕީ
ސަރުކާރުގެ އަމާޒު ހުރީ ސިޔާސީ މަގާމުތައް ގިނަކޮށްގެން ދެވަނަ ދައުރެއް ހޯދުމަށް
ޖުނާން އަޙުމަދު 13 އޭޕްރީލް 2025 (އާދީއްތަ)   11:45
މި ސަރުކާރުގެ އަމާޒުހިފާފައިވަނީ ގިނަ ބަޔަކަށް ސިޔާސީ މަގާމުތައް ބަހާލައިގެން ދެވަނަ ދައުރެއް ހޯދުންކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

މީޑިއާއަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ދޮންބިލެތް ވިދާޅުވީ، މި ސަރުކާރުގެ އަމާޒު ހިފާފައި ވަނީ ގިނަބަޔަކަށް ސިޔާސީ މަގާމު ދީގެން ދެވަނަ ދައުރެއް ކަށަވަރުކުރުން ކަމަށާ، އެގޮތުން އެބޭފުޅާއަށް މައުލޫމާތު ލިބޭގޮތުގައި ރައީސް މުއިއްޒުގެ އަމާޒަކީ މި ސަރުކާރު ދެވަނަ ދައުރަކަށް ކުރިމަތި ލާއިރު، އެއްލައްކަ ފަންސަވީސް ހާސް މީހުންނަށް ވަޒީފާދީގެން އެމީހުންގެ ވޯޓު ކަށަވަރުކުރުން ކަމަށެވެ.

އަދި އެ އަދަދުގެ މީހުންނަށް ވަޒީފާ ދީގެން އެމީހުންނާއި އެމީހުންގެ އާއިލާތަކުގެ ވޯޓު ކަށަވަރުކުރެވިއްޖެ ނަމަ އެއީ މި ރާއްޖޭގެ ވެރިކަމަށް އާދެވޭނެވަރުގެ ނަތީޖާއެއް ނެރެވޭނެ ކަމެއް ކަމަށް ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ކަމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނާއި، ބައެއް ވަޒީރުންގެ ފަރާތުން އެބޭފުޅާއަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް ވެސް ދޮންބިލެތް ވިދާޅުވިއެވެ.

މި ސަރުކާރުގެ ރިކަރަންޓް ހަރަދު ބޮޑުވެ ތަރައްގީގެ މަޝްރޫއުތައް ނުހިންގި މާލީގޮތުން ގައުމުގެ ކަންކަން ބޮއްސުންލައިގެން ދާކަމަށް މި ސަރުކާރުގެ ބައެއް ވަޒީރުން ވެސް އެބަ ވިދާޅުވާ ކަން ފާހަގަކުރައްވަމުން ދޮންބިލެތް ވިދާޅުވީ، އެހެން ނަމަވެސް ސަރުކާރުގެ ދަތުރުތައް މަދުނުކޮށް އަދި ސިޔާސީ މަގާމުތައް، ރައީސް މުއިއްޒު ގިނަކުރައްވަމުން އެ ގެންދަވާ ސަބަބަކީ ކުރީގެ ސަރުކާރުތަކުގައި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގައިގެން ވެރިކަމުގެ ދެވަނަ ދައުރު ކާމިޔާބުކުރެވިފައި ނެތުމުން ގިނަބަޔަކަށް މަގާމުތައް ބަހާލައިގެން އެކަން ހާސިލްކުރެވިދާނެކަމަށް ރައީސް މުއިއްޒު ދެކެވަޑައިގަންނަވާތީކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ، އެގޮތަށް ދެކިލެއްވުމަކީ ހުވަފެނެއް ކަމަށާ، ވެރިކަން ދެމިއޮތުމަށް ރައްޔިތުން ގަބޫލުކުރާ ކަންތައްތަކަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުންކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

އެބޭފުޅާގެ ވާހަކައިގައި، މޯލްޑިވް ގޭސްގައި މިހާރު ހިނގައިގެން އުޅޭ ކޮރަޕްޝަނުގެ މައްސަލައަށް ވެސް އަލި އަޅުއްވާލައްވާ ވަރަށްބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމުގެ ސަބަބުން، މިހާރު ސީދާ ރައީސްމުއިއްޒު ކޮންމެ ދުވަހަކުމެ ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން ވެސް އިދާރާތަކަށް ޒިޔާރަތްކުރައްވާ ހިނގާނުހިނގާ ގޮތް ބައްލަވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ދޮންބިލެތް ވިދާޅުވިއެވެ.

ކޮމެންޓް