އެންބީއޭއެމް އިން މިމަހުގެ 20 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހުޅުމާލޭ ބަނދަރުން ސަފާރީ އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައިވާ ނިންމުމާ މެދު ކަންބޮޑުވާ ކަމަށެވެ.
"އެންބީއޭއެމް އިން ކަމާބެހޭ ސަރުކާރުގެ ފަރާތްތަކަށާއި އެޗްޑީސީއަށް އިހުތިރާމާއެކު ގޮވާލަނީ، ކަނޑައެޅިފައިވާ އަދި ރައްކާތެރި ބަނދަރެއް ހަމަޖެހެންދެން މި ނިންމުން ބަދަލުކޮށްދިނުމަށް،" އެ ޖަމިއްޔާއިން ގޮވާލާފައި ވެއެވެ.
އެންބީއޭއެމްގެ ނޫސްބަޔާނުގައި ބުނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމުކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އުޅަނދުތައް ބަނދަރުކުރާނެ އެހެން ތަނެއް ނުދައްކާ ނަގަން އެންގުމުން އުޅަނދުތަކުގެ ވެރިންނަށް ހިންގުމުގެ ގޮތުންނާއި ސަލާމަތީގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ނިންމުން އައިސްފައި ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ދުވަސްވަރުގައި ކަމަށް ވުމުން އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"މި މޫސުމަކީ އާންމުކޮށް ކަނޑުގަދަވެ، ވައިގަދަވެ، އަދި މޫސުން ލަފާނުކުރެވޭ ވަގުތެއް ކަމުން، އުޅަނދުފަހަރު އެހެން ތަނަކަށް ބަދަލުކުރުން ރައްކާތެރިއެއް ނުވާނެ. ރައްކާތެރި ބަނދަރެއް ފޯރުކޮށްދިނުމެއް ނެތި މި ސަފާރީ އުޅަނދުތައް ބަދަލުކުރުމުން އުޅަނދުތަކަށާއި އުޅަނދުގެ ފަޅުވެރިންނަށާއި އަދި އެކަމާ ގުޅުންހުރި އޮޕަރޭޝަންތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ،" އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނީ އެ ސަފާރީ އުޅަނދުތަކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ވެސް މުހިންމު ބަޔަކަށް ވާއިރު، އެކަށޭނެ ބަދަލުތަކެއް ފަހިނުކޮށްދީ ކުއްލިއަކަށް އެގޮތަށް އެންގުމުން ގައުމުގެ އިގުތިސާދަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ. އަދި އުޅަނދުތައް އޮޕަރޭޓްކުރާ މީހުންނަށް ލިބޭ އާމްދަނީއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުންޏެވެ.
އެފަދަ ނިންމުންތައް ނިންމަން ވާނީ އެކަށީގެންވާ ޕްލޭނަކާ އެކު، އަދި އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މަޝްވަރާއާ ވެސް އެކުގައި އެއްވެސް ބަޔަކަށް ދަތި ނުވާނެ ގޮތަށް ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.
ހުޅުމާލެ 3 ހިއްކާތީ، އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން އެކި ފަހަރު މަތިން، މިދިޔަ އަހަރު އިއުލާންކޮށްފައިވެ އެވެ.
ސަފާރީ އުޅަނދުތައް އަޅާނެ ރަނގަޅު ބަނދަރެއް ނެތުމަކީ އެންބީއޭއެމް އަބަދުވެސް ކުރާ ޝަކުވާއެކެވެ. ކުރީގެ ސަރުކާރުތަކަށް ވެސް މި ޝަކުވާ ހުށަހެޅި އެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސަފާރީ ބޯޓުތަކަށް ހާއްސަ ބަނދަރެއްގެ ގޮތުގައި ދިޔަނެރު ފަޅު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އެ ޕްރޮޖެކްޓް މިހާރު އޮތީ ހުއްޓިފައެވެ.