މި ހާދިސާއާ ގުޅޭ މައުލޫމާތު މިއަދު މީޑިއާއަށް އާންމުކުރަމުން ފުލުހުން ބުނެފައިވަނީ، މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނު ކަމަށާ، އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް މިކަން ގެނެސް ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ފެށިކަމަށެވެ.
މިގޮތުން ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން މި ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކާރު ފެނުނީ ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށާ، ކާރު މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަމްޕަރުތަކަށްވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުން ދިޔަކަމަށެވެ.
މިގޮތަށް ދުއްވަމުންގޮސް ކާރު މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށް ކަމަށާ، ކާރު ކައިރިއަށް ފުލުހުން ދިއުމުންވެސް ކާރު ދުއްވާލަން އުޅެފައިވާ ކަމަށެވެ.
އެހެންނަމަވެސް ކާރު ހިފަހައްޓައި ކާރު ދުއްވަން އިން ހމ. ފްލެޓްނަންބަރު 07-1-4 / މާލެ، މުޙައްމަދު މާއިސް (23އ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތް ކަމަށާއި ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށާއި ކާރަށް އިތުރު ގެއްލުންތައްވެސް ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
މި މައްސަލައާ ގުޅިގެން، ކާރު ޓޯވ ކޮށް މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.