ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް
ޔޫރަޕްގެ ޗެންޕިއަންކަން ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީއަށް
ފިޔެސް 1 ޖޫން 2025 (އާދީއްތަ)   08:15
ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި އިޓަލީގެ އިންޓަ މިލާނާއި ފްރާންސްގެ ޕީއެސްޖީ ވާދަކުރި މެޗު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، ޕީއެސްޖީ އިން އެކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެންޕިއަންކަން ހޯދައިފިއެވެ.

މިއީ ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތުގެ ފައިނަލެއްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ތަފާތުބޮޑު ނަތީޖާއެވެ. މީގެ ކުރިން ރެއާލް މެޑްރިޑުން ވަނީ 1960 ވަނަ އަހަރުގެ ފައިނަލުގައި އެއިންޓްރަކްޓް ފްރެންކްފާޓް އަތުން 7-3 އިން މޮޅުވެފަ އެވެ. އަދި ބަޔާން މިއުނިކުން 1974 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑް ގެ މައްޗަށް ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން މިލާނުން 1989 ވަނަ އަހަރުގެ ޗެންޕިއަންސް ލީގު ފައިނަލުގައި ސްޓެއުއާ ބުކަރެސްޓް އަތުން 4-0 އިން މޮޅުވިއިރު، 1994 ވަނަ އަހަރު ބާސެލޯނާ އަތުން ވެސް މިލާން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި އަހަރުގެ މުބާރާތުގެ ފައިނަލުން ޕީއެސްޖީ ޖާގަހޯދީ ސެމީފައިނަލުގައި 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލް ބަލިކުރުމަށްފަހު އެވެ. އަދި އިންޓަ މިލާން ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގައި 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ސްޕެއިންގެ ޗެންޕިއަން ބާސެލޯނާ ބަލިކުރުމަށްފަހު އެވެ.

ރޭގެ ފައިނަލްމެޗްގައި ޕީއެސްޖީން ވަނީ ފުރަތަމަ 20 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ 12 ވަނަ މިނިޓްގައި، ޕީއެސްޖީން ލީޑުނެގީ އިންޓަ އަށް ކުރިން ކުޅުނު ފުލްބެކް، މޮރޮކޯގެ އަޝްރަފް ހަކީމީ ޖެހި ގޯލުންނެވެ. ހުސްކޮށްލާފައި ޑެސެއާ ޑޫއޭ ދިން ބޯޅަ ހަކީމީ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ހަކީމީ، މި ގޯލު ޖެހުމަށް ފަހު އުފާފާޅެއް ނުކުރެ އެވެ. އެއީ، އިންޓަ އަށް ކުރިން ކުޅެފައިވާތީ އެވެ.

އިންޓަ އިން ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ފޮނުވައި، އެޓޭކަށް ޖެހި އުޅުނު ވަގުތެއްގައި، ކައުންޓައެޓޭކުގައި ތަނަވަސްވި ފުރުސަތަކުން މެޗުގެ 20 ވަނަ މިނިޓްގައި ޕީއެސްޖީން ދެ ވަނަ ލަނޑު ޖެހި އެވެ. މި ގޯލު ޖެހީ، އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޑޫއޭ އެވެ.

ފުރަތަމަ ހާފުގައި އިންޓަގެ ރަނގަޅު ދެ އެޓޭކް ވެސް ފެނުނީ ކޯނަރުގަ އެވެ. އެ ގޮތުން، ތަޖުރިބާކާރު ޑިފެންޑަރު، ފްރެންޗެސްކޯ އަޗޭބީ އާއި މާކަސް ތުރާމް، ބޮލުން ފޮނުވާލި ބޯޅަތައް ގޯލާ ސީދާ ވާގޮތެއްނުވި އެވެ.

ދެ ވަނަ ހާފު ފަށައިގެން އިންޓަ އިން ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު، ޕީއެސްޖީން ކައުންޓާގައި ހޯދި ދެ ފުރުސަތެއްގައި ޑެމްބެލޭ އާއި ކްވިޗާ ކްރަވަޝްކޭލިއާ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ޕީއެސްޖީން ތިން ވަަނަ ގޯލު ޖެހީ، 63 ވަނަ މިނިޓްގައި ޑޫއޭ އެވެ. މިއީ، އިންޓަގެ މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް، ހުސްކޮށްލާފައި ވިޓީނިއާ ދިން ބޯޅައަކުން ޑޫއޭ ޖެހި ގޯލެކެވެ. ނަވާރަ އަހަރުގެ ޑޫއޭ އަކީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ދެ ލަނޑު ޖަހައި، ގޯލެއް ޖަހަން ފުރުސަތު ހޯދައިދިން އެންމެ ހަގު ކުޅުންތެރިޔާ އެވެ.

އިންޓަ ޑިފެންސް ފަހަތުން ލިބުނު ޖާގައަކުން، މެޗުގެ 73 ވަނަ މިނިޓްގައި، ކްވިޗާ ކްވްރަޝްކޭލިއާ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

މިމެޗުގައި ޕީއެސްޖީގެ ފަސްވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރު ސެނީ މަޔޫލޫ އެވެ.

މިއީ 2020 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވި ފަހުން ޕީއެސްޖީ އިން މިމުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވެދިޔަ ތިން އަހަރުތެރޭ އެޓީމުން މިމުބާރާތުގެ ފައިނަލުގައި ކުޅުނު ދެވަނަ ފަހަރެވެ. 2023 ވަނަ އަހަރުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ޕީއެސްޖީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީން މި ވަނީ މި ސީޒަނުގައި ހަތަރު ތަށި ހޯދައިފަ އެވެ. އެއީ، ޗެމްޕިއަންސް ލީގުގެ އިތުރުން، ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަ ކަޕް އެވެ.

ކޮމެންޓް