ޔޫއެފާ ކޮންފަރެންސް ލީގު 2025 ކާމިޔާބު ކުރުމަށްފަހު ޗެލްސީން އުފާ ފާޅުކުރަނީ - ފޮޓޯ: ޗެލްސީ އެފްސީ
ކޮންފަރެންސް ލީގްގެ ޗެމްޕިއަންކަން މިފަހަރު ވެސް ޗެލްސީން ހޯދައިފި
ޗެލްސީއަކީ ފާއިތުވި 2024 ވަނަ އަހަރު ވެސް ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން ޓީމް
ޖުނާން އަޙުމަދު 29 މޭ 2025 (ބުރާސްފަތި)   15:11
ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން މިފަހަރު ވެސް ޗެލްސީ ފުޓްބޯޅަ ކުލަބުން ހޯދައިފިއެވެ.

ޗެލްސީން މި ކާމިޔާބު ހޯދީ، ރޭ ކުޅުނު ފައިނަލް މެޗްގައި ރެއާލް ބެޓިސް ބަލިކޮށް 1-4 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓްގައި ބެޓިސްގެ އެޒަލްޒޫލީ އެ ޓީމަށް ލީޑު ނަގައިދިނީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ގެންނެވެ.

އޭގެ ފަހުންވެސް ބެޓިސްއަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ފަހުން ދެ ޓީމަށްވެސް އިތުރު ލަނޑެއް ނުޖެހި ފުރަތަމަ ހާފް ނިމުނެވެ.

އަދި މެޗުން ނިމެން 25 މިނެޓް އޮތްވާ، ކޯލް ޕާމާގެ މޮޅު ހުރަހަކުން އެންޒޯ ފެނާންޑޭޒް ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައި ވަނިކޮށް، 70 ވަނަ މިނެޓްގައި ޕާމާ އަނެއްކާ ވެސް ތަނަވަސްކޮށްދިން ހުރަހަކުން ލަނޑު ޖަހައި ނިކޮލަސް ޖެކްސަން ޗެލްސީއަށް މެޗުގެ ލީޑު ނަގައިދިނެވެ.

އޭގެ ފަހުން ޗެލްސީގެ ލީޑު ފުޅާކުރީ ޖޭޑަން ސަންޗޯ ބެޓިސްގެ ގޯލުގެ މަތީ ކަނަށް އަމާޒުކުރި ބޯޅައާއެކުއެވެ. އަދި ޗެލްސީއަށް ޗެމްޕިއަންކަން ކަށަވަރުވެގެންދިޔައީ އިތުރު ވަގުތުގައި އޭރިއާ ބޭރުން މޮއިސެސް ކައިސޭޑޯ އަމާޒުކުރި ބޯޅައާއެކުއެވެ.

ޗެލްސީ އަކީ ފައިނަލެއްގައި ސްޕެއިންގެ ޓީމެއް 2002 ވަނަ އަހަރުން ފެށިގެން ބަލިކުރި ހަމައެކަނި ބިދޭސީ ޓީމް ކަމަށްވާއިރު، ފާއިތުވި 2024 ވަނަ އަހަރު ވެސް ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން ޓީމްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް