މިކަމާގުޅޭ މައުލޫމާތު އިނގިރޭސި ވިލާތުގެ ގައުމީ ނޫސްއިދާރާ ބީބީސީ އާ ރޭ ހިއްސާކުރައްވަމުން މޮރިޝަސްގެ އާ ބޮޑުވަޒީރު ނަވިން ރަމްގޫލަމް ވިދާޅުވީ ޗާގޯސް އައިލެންޑްސް އާ ގުޅޭ ގޮތުން އިނގިރޭސިވިލާތާ އެކު ވެވުނު އެއްބަސްވުމުގެ މިނިވަން މުރާޖައާ އެއް ކުރުމަށް އެ ގައުމުގައި އެދިފައިވާނޭ ކަމަށާއި ޗާގޯސް ޖަޒީރާތަކާ ގުޅޭގޮތުން ފާއިތުވި މަހު މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު އިނގެރޭސިވިލާތާއެކު ހެދި އެ އެއްބަސްވުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
މި އެއްބަސްވުމުގައި ވާގޮތުން އެ ޖަޒީރާތަކުގެ ސިޔާދަތީ ބާރު އިނގިރޭސިން ދޫކޮށްލުމަށްފަހު ވެސް މަދުވެގެން 99 އަހަރަށް، އިނގިރޭސިވިލާތާއި އެމެރިކާގެ ބޮޑު އަސްކަރީ އެއާބޭސްއެއް ހަދާފައިވާ ޗާގޯސް އާކިޕެލާގޯގެ އެންމެބޮޑު ރަށް ކަމުގައިވާ ޑިއޭގޯ ގާސިއާ ކުއްޔަށް އެ ގައުމަށް ދޭންޖެހެއެވެ.
އަދިވެސް މުއާހަދާއެއް ފައިނަލްވެފައި ނުވާ މި އެއްބަސްވުމަކީ މިއީ ރަނގަޅު އެއްބަސްވުމެއް ކަމަށް ބުނެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ އާއި އޭނާގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވެސް ވަނީ މި އެއްބަސްވުން ދިފާއުކޮށް މީޑިއާގައި ދާދިފަހުން ވާހަކަ ދައްކާފައެވެ.
އަހަރުތަކެއް ވަންދެން މަޝްވަރާކުރުމަށްފަހު ސޮއިކުރި މި އެއްބަސްވުމަކީ ގާނޫނުގެ ތަރަހައިގެ ތެރޭގައި ދެމިތިބުމުގެ ހެއްކެއް ކަމަށާއި ދެ ގައުމުގެ ގުޅުމުގައި މިއީ މުހިންމު މަރުހަލާއެއް ކަމަށް ސްޓާމަރ އާއި އޭރުގެ މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނޯތު ވެސް ވަނީ ބުނެފައެވެ.
މޮރިޝަސްގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރާމްގޫލާމް އާއި އޭނާގެ ޗޭންޖް ކޯލިޝަނުން މިކަން ސިފަކޮށްފައިވަނީ ގައުމަށް ޣައްދާރުވެ އޭރުގެ ބޮޑުވަޒީރު ޖަގްނޯތު، ޗާގޯސް ވިއްކާލާފައި ވާކަމަށެވެ.
މީގެ އިތުރުން މޮރިޝަސްގެ އާންމު އިންތިޚާބުގެ އެންމެ މަހެއްހާ ދުވަސް ކުރިން މި އެއްބަސްވުން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ކެމްޕެއިން ތެރޭގައި ވަނީ ފާޅުކޮށްފައެވެ.
ކުރީގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވީ ޔޫކޭއަށް ޑިއޭގޯ ގާސިއާ ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާތީ ކަމަށާއި އާންމުކޮށްފައިވާ މުއްދަތަކީ ފުރަތަމަ 99 އަހަރު ކަމުގައި ވީނަމަވެސް އެއީ 200 އަހަރު ކަމަށް، އެގްރޯ އިންޑަސްޓްރީ އާއި ފިޝަރީޒްގެ ވަޒީރުކަމަށް އަލަށް އައްޔަންކުރި އާވިން ބޫލެލް ވަނީ އެގައުމުގެ މީޑިއާ ތަކުގައި ބުނެފައެވެ.
މީގެ ދެ ހަފްތާ ކުރިން މޮރިޝަސްގެ ބޮޑުވަޒީރުކަމަށް އިންތިހާބުވެވަޑައިގެންނެވި ރަމްގޫލަމް އާއި އޭނާ ނިސްބަތްވާ ޗޭންޖް ކޯލިޝަންގެ ފަރާތުން މި އެއްބަސްވުން މުރާޖައާ ކުރުމަށް މަސައްކަތް ފަށާފައިވާއިރު، މޮރިޝަސްއަށް ޗާގޯސް ދީފި ނަމަ އިންޑިއާ ކަނޑަށް ބާރު ފޯރުވަން އެމެރިކާގެ ވާދަވެރި ޗައިނާއަށް ފުރުސަތު ލިބިގެންދާނެކަމަށް ޓްރަމްޕްގެ ހިޔަނިކެބިނެޓުން މި މަހުގެ 16ވަނަ ދުވަހު ހާމަކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ޓްރަމްޕްގެ ސަރުކާރުގެ ހާރިޖީ ވަޒީރަކަށް އައްޔަނުކުރަން ހަމަޖައްސައިފައިވާ މާކް ރޫބިއޯ އެ ގައުމުގެ މީޑިއާތަކަށް ދެހަފްތާކުރިން ދިން ބަސްދީގަތުމެއްގައި ވިދާޅުވީ ޗާގޯސް މޮރިޝަސްއަށް ދިނުމަށް ޓްރަމްޕް ދެކޮޅު ކަމަށާއި އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒެއް ހުންނަ ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ވިލާތުން އެއްބަސްވުމަކީ ޓްރަމްޕްގެ އަންނަން އޮތް ސަރުކާރާ އިނގިރޭސިވިލާތާ މެދު ހަތުރުވެރިކަމެއް އުފެދިދާނޭކަމެއް ކަމަށެވެ.