ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަން ފާހަގަކުރައްވަމުން ރޫބިއޯ ވިދާޅުވީ ޗާގޯސް އިންޑިއާ މޮރިޝަސްއާ ހަވާލުކުރުމަށް ނިންމި ނަމަވެސް އެގޮތަށް އެކަން ވިޔަނުދިނުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތްކުރާނޭކަމަށެވެ.
ރާއްޖެއާ 310 މޭލު ދެކުނުގައި އޮންނަ ފޯޅަވަހި ނުވަތަ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް މިދިޔަ މަހު ނިންމާފައިވާއިރު އިނގިރޭސި ސަރުކާރުން ބުނެފައިވަނީ މޮރިޝަސްއާ ޗާގޯސް ހަވާލުކުރަން ނިންމީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވުމުގެ ގޮތުންނާއި މޮރިޝަސްއާމެދު ބޭއިންސާފުން އެތައް އަހަރެއްވަންދެން ކަންތައްކުރެވިފައިވާތީކަމަށެވެ.
ޗާގޯސްގެ ހާހެއްހާ ރަށްވެހިން އެމެރިކާގެ އެދުމުގެ މަތިން އެ ޖަޒީރާއިން ބޭރުކޮށްލައި ސީޝެލްސް އާއި އިނގިރޭސި ވިލާތުގައި ގަދަކަމުން ވަޒަންވެރިކުރުވާފައި ވާއިރު މީގެ އެތައް އަހަރެއް ކުރިން ވެސް މޮރިޝަސްއިން ބުނަމުން އައީ ޗާގޯސް ދޫކޮށްލަން ޖެހުނީ 1968 ގައި އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދަން މަޖުބޫރުވުމުންކަމަށެވެ.
ޗާގޯސްގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއެގޯ ގާސިއާގައި އިނގޭސީންނާއި އެމެރިކާއިން ގުޅިގެން ހިންގާ އަސްކަރީ މަރުކަޒު ހިންގުމަށް 99 އަހަރަށް އިނގިރޭސި ވިލާތަށާއި އެމެރިކާއަށް ކުއްޔަށް ދިނުމަށް ވަނީ މޮރިޝަސްއާއެކު ހެދި މުއާހަދާގައި އެއްބަސްވެފައެވެ.
މޮރިޝަސްއަށ ޗާގޯސް ދޫކޮށްލީ ދުނިޔޭގެ ކޯޓުކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ގެ އިރުޝާދުގެ ދަށުން ނަމަވެސް މި އެއްބަސްވުމަކީ އަސްކަރީ ގޮތުން އިނގިރޭސި ވިލާތުން އެޅި ޅައެއްޗެއްކަމަށާއި މި ކަމުން ފައިދާކުރާނީ ޗައިނާއަށްކަމަށް ގިނަ ގައުމުތަކުން ބުނެއެވެ.