ކުޅުދުއްފުށި ސިޓީގެ ކައުންސިލް މެންބަރު އަޙުމަދު ޢަބްދުﷲ - ފޮޓޯ: ކުޅުދުއްފުށި ސިޓީކައުންސިލް
މައިސަރުކާރުން އުޅެނީ ކައުންސިލްތަކަކީ ބޭކާރު ތަންތަން ކަމަށްދެއްކޭތޯ
ޖުނާން އަޙުމަދު 21 މޭ 2025 (ބުދަ)   09:42
ކައުންސިލްތަކުން ކުރަންޖެހޭކަންކަން ކުރަމުން ދިޔަނަމަވެސް، މައިސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބަދަލުގައި، މައިސަރުކާރުން އުޅެނީ ކައުންސިލްތަކަކީ ބޭކާރު ތަންތަން ކަމަށްދެއްކޭތޯ ކަމުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލް މެންބަރު އަޙުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަޙުމަދު ޢަބްދުﷲ މިފަދައިން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ބޭއްވި "އުތުރު ސަރަހައްދުގެ ކާރިސީ ހީރާސް ކުޑަކުރުމުގެ މަހާސިންތާ 2025" ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފައި ވުމުން، އެކަން ފާހަގަކުރައްވާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޕޯސްޓުކުރައްވާ  އަޙުމަދު ޢަބްދުﷲ ވިދާޅުވެފައި ވަނީ، ގުދުރަތީ ކާރިސާތަކުން ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރެވި ކާމިޔާބުތަކެއް ހޯދިއްޖެ ކަމަށާ، ނަމނަވެސް ހިތާމައަކީ މިކަމާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެ ޕްރޮޖެކްޓްތައް ސަރުކާރުން މަޑުޖައްސާފާވުން ކަމަށެވެ.

އެގޮތުން އަޙުމަދު ޢަބްދުﷲ ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ކުޅުދުއްފުށީގައި ހިނގަ ހިނގާއޮތްް ރޯޑް  ޕްރޮޖެކްޓްގެ މަސައްކަތް މަޑުޖައްސައިފި ކަމަށް ވިދާޅުވެ، އެ ސިޓީގެ 2 މަގެއްގައި ތާރުއަޅަން ތައްޔާރުކޮށްފައި ވަނިކޮށް ތާރުއަޅާ މެޝިންތައް ރަށުން ބާލައިގެން ސަރުކާރުން ގެންދިޔަކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.

އަދި ރޯޑް ޕްރޮޖެކްޓް ތެރޭގައި ހިމެނޭ ފެންހިންދާ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ 5 ޕަންޕް ސްޓޭޝަންގެ މަސައްކަތް ކުރިޔަށްދާ ތަން ވެސް ނުފެންނަކަން ފާހަގަކުރައްވާ އަޙުމަދު ޢަބްދުﷲ ވިދާޅުވީ، ޓްރެފިކް ޕްލޭނާއެއްގޮތަށް، މަގުމަތީގެ ރައްކާތެރިކަން ގާއިމް ކުރުމަށް ބޭނުންވާ ސްޕީޑް ބްރޭކަރުތަކާއި ރޯޑް ސައިންތައް، ޤާއިމްކުރުމާއި ވަންވޭ ހެދުމުގެ މަސައްކަތް ވެސް ވަނީ މަޑުޖައްސާފައި ކަމަށެވެ.

މީގެ އިތުރުން، އަލިފާނުގެ ހާދިސާތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމަށް ރޯޑް ޕްރޮޖެކްޓްގެ ތެރެއިން ގާއިމް ކުރުމަށް ހަވާލުކޮށްފައިވާ ފަޔަރ ހައިޑްރަންޓް ސިސްޓަމްގެ މަސައްކަތް ވެސް ހުއްޓާލާފައިވާ ކަން ފާހަގަކުރައްވާ އަޙުމަދު ޢަބްދުﷲ ވިދާޅުވީ، ކައުންސިލްތަކުން ކުރަންޖެހޭކަންކަން ބަރާބަރަށް ކުރަމުން އައި ނަމަވެސް، މައިސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބަދަލުގައި މައި ސަރުކާރު އުޅެނީ ކައުންސިލްތަކަކީ ބޭކާރު ތަންތަން ކަމަށްދެއްކޭތޯ ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި، "އުތުރު ސަރަހައްދުގެ ކާރިސީ ހީރާސް ކުޑަކުރުމުގެ މަހާސިންތާ 2025" ގައި ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށު ކައުންސިލްތަކާއި ކުޅުދުއްފުށި ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީގެ މުއައްސަސާތައް، އަދި ކަމާ ގުޅުންހުރި މުހިންމު ފަރާތްތަކެއް ބައިވެރިވެފައިވެއެވެ.

މި ފޯރަމްގައި ބައިވެރިންގެ މުހިންމު މަޝްވަރާތަކާއި، ޕެނަލް ޑިސްކަޝަންތައް އަދި އުތުރުގެ ސަރަހައްދުގައި ކާރިސާގެ ނުރައްކާތައް މަދުކުރުމަށާއި މުޖުތަމައުގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށް ސްޓްރެޓެޖީތައް ތައްޔާރުކޮށް މަޝްވަރާތައް ވެސް ކޮށްފައިވެއެވެ.

މި ފޯރަމްގެ މަގުގުސަދަކީ އުތުރުގެ ރަށްތަކުގައި ކާރިސާތަކަށް ތައްޔާރުވުމާއި މޫސުމީ ބަދަލުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް ކުރެވިދާނޭ ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށް، ރަށްތަކުގެ ގާބިލުކަން އިތުރުކުރުމާއި، ވިލަރެސްކުރުން ހަރުދަނާކުރުމުގެ އިތުރުން، ކާރިސީ ހީރާސް ކުޑަކުރުމަށް އަމަލީގޮތުން މުޖުތަމައުގެ ބައިވެރިވުމާއެކު ހައްލުތައް ހޯދުންކަމަށް ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލުމާތުދެއެވެ. 

 

 

ކޮމެންޓް