އެ ކައުންސިލުން ބުނީ، މި އަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރޭ އޮތް ރަސްމިއްޔާތެއްގައި ކަމަށެވެ. މި އަހަރު ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ހުރި ކަންކަން ކުރުމަށް ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެއީ ކުޅުދުއްފުށީގައި ހިންގާ ސަރުކާރުގެ ތިން ސްކޫލް ކަމަށްވާ އަފީފުއްދީން ސުކޫލާއި ޖަލާލުއްދީން ސުކޫލާއި ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ.
ކުޅުދުއްފުށީ މޭޔަރު މުޙައްމަދު އާތިފް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި އެ ކައުންސިލުން އެންމެ ފުރަތަމަ ސްކޫލްތަކަށް ހިލޭ އެހީ ދޭން ފެށީ 2022 ވަނަ އަހަރު އެވެ. އޭރު 50،000 ރުފިޔާ ދޭން ފެށުމަށްފަހު، މިދިޔަ އަހަރު އެ އަދަދު އެއް ލައްކަ ރުފިޔާއަށް އިތުރު ކުރީ އެވެ. އެހެންކަމުން މިއީ ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާ ދޭ ދެވަނަ އަހަރެވެ.
ކުޅުދުއްފުށީ ސްކޫލްތަކަށް ސްކޫލް ގްރާންޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، އެ ގްރާންޓް ތައާރަފުކުރުމުގެ މަގުސަދަކީ އެރަށު ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލްތަކުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުން ކަމަށެވެ.
އަދި ސްކޫލްތަކުގެ ޕީޓީއޭއިން ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގްރާންޓްގެ މަގުސަދެއްކަން އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ