ނ. އަތޮޅު ހޮސްޕިޓަލުގައި ކުރިއަށްދިޔަ ތަމްރީނު ސެޝަނެއް - ފޮޓޯ: އެމްއެސްއައި ޗެރިޓީ
ނ.އަތޮޅު ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ 5 މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ
ކުއްޖާ ނިޔާވުމުގައި އެ ހޮސްޕިޓަލްގެ އިހުމާލު އޮތްކަމަށް ތުހުމަތުތަކެއް ކުރާތީ ހެލްތް މިނިސްޓްރީން ދަނީ މައްސަލަ ބަލަމުން
މުޙައްމަދު ޤާސިމް 22 މޭ 2025 (ބުރާސްފަތި)   18:47
ނ.އަތޮޅު ހޮސްޕިޓަލަށް ހާއްސަ ފަރުވާއަށް ގެންދިޔަ އުމުރުން ފަސް މަހުގެ ތުއްތު އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މިއަދު ނިޔާވުމާ ގުޅިގެން އެކަމުގައި ނ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލަ ހެލްތު މިނިސްރީން މިއަދު ބަލަން ފަށައިފިއެވެ.

ފިޔެސްއަށް މައުލޫމާތު ލިބޭގޮތުގައި އެ ތުއްތު ކުއްޖާއަކީ ނ. ފޮއްދޫއަށް ނިސްބަތްވާ ކުއްޖެކެވެ. އަދި ފޮއްދޫ ސިއްހީ މަރުކަޒުން އެކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ އެ އަތޮޅު ވެލިދޫ ސިއްހީ މަރުކަޒަށެވެ.

އެ ކުއްޖާ ފަރުވާއަށް ގެންދިޔަ ސަބަބެއް ކަމަށް ވަނީ ހުން އައިސް، ގާތުން ނުބުއިމުން ކަމަށްވެއެވެ. އަދި ވެލިދޫ ސިއްހީ މަރުކަޒަށް ކުއްޖާ ގެންދިޔުމުން، އެ ކުއްޖާގެ ހާލަތު ވަރަށް ކްރިޓިކަލް ކަމަށާ، އިތުރު ފަރުވާއަށް މާލެ ގެންދަން ޖެހޭކަމަށް އެ މަރުކަޒުން ވަނީ ލަފާ ދީފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނަމަވެސް އެ ތުއްތު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންދިޔުމުގެ ބަދަލުގައި ދެން ގެންދިޔައީ އެ އަތޮޅު ވެރިކަންކުރާ ރަށް މަނާދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށެވެ. އެއީ އެކަމުގައި ޕްރޮސީޖާ އޮންނަ ގޮތްކަމަށް އެ ހޮސްޕިޓަލުން ވެސް ބުނެއެވެ.

އަދި އެ ކުއްޖާ ކްރިޓިކަލް ކަމަށާ، މާލެ ގެންދަން ޖެހޭކަމަށް އެ ހޮސްޕިޓަލުން ލަފާ ދިނީ ހޮސްޕިޓަލުގައި 24 ގަޑިއިރު ވެސް ވީފަހުން، މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ކުއްޖާގެ އާއިލާއާ ހަވާލާދީ ފިޔެސްއާ މައުލޫމާތު ހިއްސާކުރި މީހަކު ބުންޏެވެ.

ނަމަވެސް އެއާ އެމްބިއުލާންސްގައި ކުއްޖާ މާލެ ގެނައުމުގެ ކަންކަން ހަމަޖެހުނީ ކުއްޖާ ނިޔާވެސް ވީފަހުން ކަމަށާ، އެކަމުގައި ނ. އަތޮޅު ހޮސްޕިޓަލުގެ ވަރަށް ބޮޑެތި އިހުމާލުތައް އެބަހުރި ކަމަށް ކުއްޖާގެ އާއިލާއިން ބުނާއިރު، ބައިވަރު ކަންކަން އެ ހޮސްޕިޓަލުން ކުއްޖާގެ އާއިލާއަށް އޮޅުވާލި ކަމުގެ ތުހުމަތުތަކެއް ވެސް އާއިލާއިން ދަނީ ކުރަމުންނެވެ.

އަދި ފޮއްދޫ ވެސް ހިމެނޭ ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އައްބާސް ވެސް ވަނީ މިކަމާގުޅިގެން މީސްމީޑިއާގައި ބަސް ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ ނ. އަތޮޅު ހޮސްޕިޓަލުން ކުއްޖާއަށް ދޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ބުނެފައިވަނީ މާ ލަހުން ކަމަށާ، އޭރު ވެސް ކުއްޖާގެ ހާލަތު ދަނީ ދަށްވަމުން ކަމަށް ޑޮކްޓަރުން ބުނެފައި ނުވާކަމަށެވެ.

އަދި 24 ގަޑިއިރުވިއިރު ކުއްޖާގެ ހާލަތާ މެދު ގޮތެއް ނިންމުން ލަސްވާންޖެހޭ ސަބަބު ނުވިސްނޭ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްގެ މެނޭޖަރަށް ފޯނުކުރައްވައި އެހި ފަހުން، ޑޮކްޓަރުގެ ލިޔުން ތައްޔާރުކުރީ ވެސް މިއަދު ހެނދުނު ކަމަށް ވިދާޅުވެ އައްބާސް ވިދާޅުވީ، އެއާއެކު ވަގުތުން 11:50ގައި އެޕްރޫވަލް ލިބި، ކުއްޖާ މާލެ ފޮނުުވުމުގެ އެންމެހާ ތައްޔާރީތައް ހަމަޖެހުނުއިރު ކުއްޖާ ނިޔާވެއްޖެ ކަމަށެވެ.

މަނަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުން އެކަން ސީރިއަސްކޮށް ނުބެލުމުން ދިމާވި ހާދިސާއެއް ކަމަށް ތުހުމަތުކުރައްވާ އައްބާސް ވިދާޅުވީ، އެކަމުގައި ނ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މީޑިއާގައި ބުނެފައި ވަނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު މިހާރު އެކަން ބަލަމުން ދާ ކަމަށެވެ. އަދި އެ ތުހުމަތުތައް ދޮގުކޮށް ނ. އަތޮޅު ހޮސްޕިޓަލުން މީޑިއާގައި ބުނެފައި ވަނީ، އެ ހޮސްޕިޓަލުގައި ތުއްތު ކުއްޖާ 24 ގަޑިއިރު ވެސް ނުވާ ކަމަށާ، އެންމެ ފުރަތަމަ އެ ހޮސްޕިޓަލަށް ގެނައީ ވެސް ރޭ 2:50 ގައި ކަމަށެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި ކުއްޖާ ނިޔާވެފައި ވަނީ މިއަދު 12:35ގައި ކަމަށާ، ކުއްޖާ މާލެ ގެންދިޔުމުގެ ކަންކަން ލިޔެކިޔުމުން ހަމަޖައްސާ އާސަންދައަށް ހުށަހެޅުމުން 10:38ގައި އާސަންދައިން ދަތުރުގެ ކަންކަން ހަމަޖައްސައިދިން ކަމަށް ވެސް ނ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ކޮމެންޓް