މި މަސައްކަތްތައް ހަވާލުކުރީ ސަރުކާރުގެ 3 ކުންފުނި ކަމަށްވާ، އުމްރާނީ މަސައްކަތާއި ދަތުރުފަތުރާ ގުޅޭ ކުންފުނި އެމްޓީސީސީ އާއި ކަރަންޓާއި ފެނުގެ ޚިދުމަތަށް ޚާއްސަ ކުންފުނި ފެނަކަ އަދި މަގު ހެދުމަށް ޚާއްސަކޮށް އުފައްދާފައިވާ އާރުޑީސީ އާ އެވެ.
އެމްޓީސީސީ އާ ހަވާލުކުރީ ށ.މިލަންދޫ އާއި ކ.ތުލުސްދޫ އާއި އއ.ރަސްދޫ އަދި ގއ. ވިލިނގިލީ ހޮސްޕިޓަލް އާ އިމާރާތުގެ މަސައްކަތާއި ހދ.ނެއްލައިދޫ ޞިއްޙީ މަރުކަޒު އާ އިމާރާތުގެ މަސައްކަތެވެ. މީގެތެރެއިން މިލަންދޫ ހޮސްޕިޓަލް 110.87 މިލިޔަން ރުފިޔާއަށް އަދި ތުލުސްދޫ ހޮސްޕިޓަލް 110.71 މިލިޔަން ރުފިޔާއަށް ނިންމަން ޖެހޭ މުއްދަތަކީ 600 ދުވަހެވެ. ރަސްދޫ ހޮސްޕިޓަލާއި ވިލިނގިލީ ހޮސްޕިޓަލްގެ އަގަކީ ހޮސްޕިޓަލެއް 185.57 މިލިޔަން ރުފިޔާ އަށެވެ. އެ ދެރަށުގެވެސް މުއްދަތަކީ 780 ދުވަހެވެ. ނެއްލައިދޫ ސިއްހީމަރުކަޒު ހަވާލުކުރީ 11.19 މިލިޔަން ރުފިޔާއަށް 450 ދުވަހުން ނިންމާގޮތަށެވެ.
ފެނަކަ އާ ހަވާލުކުރީ ބ.ކުޑަރިކިލު އާއި ގއ.ކޮނޑޭ އަދި ގދ.ނަޑެއްލާ ޞިއްޙީ މަރުކަޒު އާ އިމާރާތުގެ މަސައްކަތެވެ. ކުޑަރިކިލު 7.64 މިލިޔަނަށް 365 ދުވަހުގެ މުއްދަތަށް ހަވާލުކުރިއިރު ކޮނޑޭ ހަވާލުކުރީ 6.76 މިލިޔަނަށެވެ. އަދި ނަޑެއްލާ ހަވާލުކުރީ 6.75 މިލިޔަން ރުފިޔާއަށެވެ. ކޮނޑޭ އާއި ނަޑެއްލާ ސިއްހީ މަރުކަޒުގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 300 ދުވަހެވެ.
އާރުޑީސީ އާ ހަވާލުކުރީ ނ.ވެލިދޫ ހޮސްޕިޓަލް އާ އިމާރާތުގެ މަސައްކަތާއި އދ.ފެންފުށީ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ. ވެލިދޫ ހޮސްޕިޓަލް 108.32 މިލިޔަން ރުފިޔާއަށް ނިންމަންޖެހޭ މުއްދަތަކީ 540 ދުވަހެވެ. ފެންފުށީ ސިއްހީ މަރުކަޒުގެ މަސައްކަތުގެ އަގަކީ 26.83 މިލިޔަން ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ދީފައިވަނީ 540 ދުވަހެވެ.
މީގެ ތެރެއިން ބައެއް ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރީގެ ސަރުކާރުންވެސް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ސޮއިކުރިއެވެ. މިގޮތުން މިލަންދޫ، ވެލިދޫ އަދި ތުލުސްދޫ ގައި ހޮސްޕިޓަލްގެ މަސައްކަތް 2023 މެއި 15 ގައި ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އަނާންދު ބިލްޑްޓެކް އާއެވެ. އެކުންފުނީގެ ފަރާތުން މަސައްކަތް ފެށުމަށްޓަކައި އެ ރަށްތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް ހޮސްޕިޓަލު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ސަރުކާރުގެ ކުންފުނިތަކާ މި މަސައްކަތްތައް މި ހަވާލުކުރީ އެ އެއްބަސްވުން ބާތިލުކުރުމަށްފަހު އެވެ.
މިފަހުން ސަރުކާރުގެ ގިނަ މަޝްރޫއުތައް ހަވާލުކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކަކީ އިންތިހާއަށް ދަރަނި އޮވެ ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ.