ރަށްވެހީންގެ ސައްލާގެ ނަމުގައި، އއ. އުކުޅަހު ކޮންވެންސަން ސެންޓަރގައި އިއްޔެ ފެށި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، "ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަގާފަތެއް އުފެއްދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން. އެހެންކަމުން ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ.މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ." ކަމަށެވެ.
އެ މިނިސްޓްރީން ވަނީ މިނިސްޓަރުގެ އެވާހަކަ ވަރަށް ބޮޑަށް އިޝްތިހާރު ކޮށްފައެވެ. "ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ.މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ." ކަމަށް މިނިސްޓަރު ވިދާޅުވި ވިދާޅުވުން އެކްސްގައި ޕޯސްޓް ކުރުމުން އެވާހަކައަށް ރައްދު ދީ ގިނަބަޔަކު ވަނީ ޖޯކު ޖަހާފައެވެ. އޭގެތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންވެސް ހިމެނިވަޑައިގަންނަވައެވެ.
މިނިސްޓަރުގެ ވާހަކައަށް ރައްދު ދެއްވައި ވ.އތޮޅު ކައުންސިލް ރައީސް ސުޖާއު އަލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ "ސީދާ އިރުޝާދުގެ ދަށުން" މުޅި ނިޒާމު މިނިސްޓަރުގެ މުށުތެރެއަށް ނަންގަވަނީ ކަމަށާއި ދެވަނަ ދައުރެއް ދޭން ހެޔޮ ނުވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ މުއިއްޒުގެ "ސީދާ އިރުޝާދުގެ ދަށުން" ވަޒީރު ތިޔަގެންދަވަނީ މުޅި މި ނިޒާމު މުށުތެރެއަށް ނަންގަވަމުން. މި ނިޒާމު އިތުރު ހަރުފަތަކަށް ގެންދެވޭނީ މި ނިޒާމު ޤަބޫލުކުރާ ބަޔަކަށް. ދެވަނަ ދައުރެއް ދޭން ހެޔޮނުވާނެ." މިނިސްޓަރު އާދަމް ޝަރީފާއި ރައީސް މުއިއްޒު ޓެގްކުރައްވައި ވާވު ރައީސް ސުޖާއު ލިޔުއްވާފައި ވެއެވެ.
ބ.ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވެފައިވަނީ "ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސަ ސަބަބެއް އަދިއެއް ފެންނާކަށް ނެތް" ކަމަށެވެ.
މިނިސްޓަރުގެ ވާހަކަ، ނ.އަތޮޅު ކައުންސިލް ރައީސް މުޙައްމަދު ބަޝީރު ސިފަކުރެއްވީ "ވަޒީރު، ރައީސުލްޖުމްހޫރިއްޔާއަށް ޖޯކް ޖެއްސެވުން" ގޮތުގައެވެ.
މީގެ އިތުރުންވެސް ކައުންސިލް މެންބަރުންނާއި އާންމު ރައްޔިތުންވެސް ވަނީ މުއިއްޒު ދެވަނަ ދައުރަކަށް ހޮވުމާ ގުޅޭގޮތުން މިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކައާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ.
ރަށްވެހީންގެ ސައްލާގެ ނަމުގައި އިއްޔެ ފެށި މަޝްވަރާ ބައްދަލުވުމަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ބައެއް ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުންނާއި އަދި ސެކްރެޓަރީ ޖެނެރަލުންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެލައްވައެވެ. މި ބައްދަލުވުން މިރޭގެ ނިޔަލަށް ކުރިއަށްދާނެއެވެ.