ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން، ބާއްވާ މި މައުރަޒު ރޭ ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ކެބިނެޓުގެ އިތުރު ވަޒީރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒުގައި ދިވެހީންގެ ގިނަ އުފެއްދުންތަކެއް ބައިވެރިކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް އުފެއްދުންތައް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން އެންމެ ގިނަ ހުށަހެޅުން ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނެވެ. 15 ދާއިރާއަކުން 81 ގިންތިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މައުރަޒުގައި އެންމެ ގިނައިން ބައިވެރިކޮށްފައި ވަނީ ލިޔެލާ ޖެހުމުގެ އުފެއްދުންތަކެވެ.
އޭގެ އިތުރުން ދިވެހި ބޭސްވެރިކަމާއި ގަހަނާއާއި ކުރެހުންތެރިންނާއި މިއުޒީޝަނުންގެ ހުނަރާއި ދިވެހި ސަޤާފަތާއި އާދަކާދައާ ގުޅުންހުރި އުފެއްދުން ވެސް މި މައުރަޒުގައި ހިމަނާފައި ވެއެވެ. އަދި ދިވެހިންގެ އީޖާދީ ވިސްނުމާ ގުޅިފައިވާ ދިވެހި ޑިވެލޮޕަރުންނާއި ދިވެހިންގެ ޓެކްނޮލޮޖިކަލް އުފެއްދުންތައްވެސް މި މައުރަޒުގައި ހިމަނާފައި ވެއެވެ.
މި މައުރަޒު ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެއެވެ. އެއީ، ވާދުކުރުމުގެ ބަޔާއި ޑިސްޕްލޭއަށް އެކަނި ބަހައްޓާ ބައެވެ.
މައުރަޒަށް ޖުމްލަ 3500 އަށް ވުރެ ގިނަ އުފެއްދުން ހުށަހަޅާފައިވާއިރު، މި މައުރަޒަށް ހުށަހެޅި ހުށަހެޅުންތަކުން ވަނީ ވަނަތައް ހޮވައި އެވޯޑް ދީފައެވެ. އެގޮތުން އެކަމަށް ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުން ކަނޑައެޅި 275 އުފެއްދުމަކަށް އެވޯޑުތައް ދީފައިވެއެވެ. އަދި އެކި ގިންތިތަކުން އެއްވަނައާއި ދެވަނަ އަދި ތިންވަނައަށް އައި ބައިވެރިންނަށް ވަނީ އިނާމުވެސް ހަވާލުކޮށްފައެވެ.
މި މައުރަޒު މި މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 04:00 އިން 06:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.