އިކޮނޮމިކް މިނިސްޓްރީން މިއަދު އެކްސް ގައި ޕޯސްޓެއްގައި ބުނީ ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށާއި، ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ފިޔެސް އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.އައިޝަތު ޝަހުދާ ވިދާޅުވީ ޓިކްޓޮކްގެ އިސްފަރާތްތަކާ އެކު އެކި ގޮތްގޮތަށް މަޝްވަރާތައް ކުރެވެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
"މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމީ ޕްރޮޖެކްޓްގެ ދަށުން އަޅުގަނޑުމެން ބޭނުންވަނީ ކްރިއޭޓިވް މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދައިދިނުން. ކުރަހާ ފަރާތްތައް ވިޔަސް، ލަވަ ކިޔާ ފަރާތްތައްވިޔަސް އިތުރަށް އާމްދަނީ ކިހިނެއްތޯ ހޯދޭނީ. އެއީ އަސްލު ކްރިއޭޓިވް އިކޮނޮމީގެ މަގްސަދަކީ. ޓިކްޓޮކް ރާއްޖޭގައި ބޭނުންކުރާ ފަރާތްތައް ގިނަވާތީވެ އަޅުގަނޑުމެން ވިސްނީ ކިހިނެއްތޯ އޭގެންވެސް މޮނެޓައިޒް ކުރެވޭނީ." ޑރ.ޝަހުދާ ވިދާޅުވިއެވެ.
ޑރ.ޝަހުދާ އިތުރަށް ވިދާޅުވީ އިއްޔެގެ ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ ޓިކްޓޮކް މެދުވެރިކޮށް މޮނެޓައިޒޭޝަން ފުރުސަތުތައް ދިވެހި އާޓިސްޓުންނަށް ހޯދައިދިނުމަށް ކަމަށާ، އެކަމަށްޓަކާ ވަރަށް ބޮޑަށް މަސައްކަތް އެބަކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެކަން ފެށޭނެ ވަކި ތާރީހެއް ވިދާޅުވާން ދަތި ކަމަށާއި މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.
އިއްޔެގެ ބައްދަލުވުމުގައި ޓިކްޓޮކްގެ ފަރާތުން ބައިވެރިވީ ޓިކްޓޮކް ސައުތު އޭޝިޔާގެ ހެޑް އޮފް ޕަބްލިކް ޕޮލިސީ އެންޑް ގަވަމެންޓް ރިލޭޝަންސް އާއި މޮނެޓައިޒޭޝަން އެންޑް ޕްރޮޑަކްޓް ލީގަލް ކައުންސެލް އާއި ރީޖަނަލް ލީގަލް ލޯ އެންފޯސްމަންޓް އައުޓްރިޖް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެވެ. މި ތިން ބޭފުޅުންނަކީވެސް ޑުބާއީގައި ހުންނަ ޓިކްޓޮކްގެ އޮފީހުގައި މަސައްކަތްކުރައްވާ ބޭފުޅުންނެވެ.
ރާއްޖޭގައި ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް މިހާރު ވެސް ޓިކްޓޮކުން އާމްދަނީ ހޯދެއެވެ. އެކަމަކު އެގޮތަށް އާމްދަނީ ހޯދެނީ ޓިކްޓޮކް ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވައިގެންނެވެ. މާކެޓް ޕްލޭސް އެކައުންޓެއް ހުޅުވޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވުމާއެކު އެމީހެއްގެ ވީޑިއޯތަކަށް ފާއިތުވި 30 ދުވަހުގެ ތެރޭގައި ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވާ ނަމަ އެވެ. ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައްވެސް ހުރެއެވެ.