އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއުއަށް ހަދާފައިވާ ކިޔޫ - ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަންގެ 50 ވަޒީފާއަކަށް ކުރިމަތިލުމަށް ދަމާލި ކިޔޫއިން ދުވާރު ފުރިއްޖެ
މަރްޔަމް މުޙައްމަދު 24 މޭ 2025 (ހޮނިހިރު)   15:05
އިމިގްރޭޝަނުން 50 މުވައްޒަފުން ހޯދަން މިއަދު ގަލޮޅު ސްކޫލްގައި ކުރިއަށްގެންދާ ވޯކް-އިން އިންޓަވިއުތަކުން ޖާގަ ހޯދުމަށް، ދަމާލި ކިޔޫއިން އެ ސަރަހައްދުގެ ދުވާރުމަތި ފުރިއްޖެއެވެ.

ވޯކް-އިން އިންޓަވިއުއަކީ ވަޒީފާ ދޭފަރާތުން ކަނޑައަޅާ ގަޑިއަކަށް އިންޓަވިއު ކުރާ ތަނަކަށް ގޮސް ވަގުތުން ކުރާ އިންޓަވިއުއެއް ކަމަށވާއިރު، އިިމިގްރޭޝަނަށް 50 އޮފިސާ ޓްރެއިނީސް ބޭނުންވާކަމަށާ، އެ ވަޒީފާއަށް އިންޓަވިއުތައް ބާއްވާނެކަން މިދިޔަ އަންގާރަދުވަހު އިއުލާންކުރިއެވެ. އިންޓަވިއުތައް މިއަދު ކުރިއަށްގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުރާސްފަތި ދުވަހު އިއުލާންކޮށްފައި ވެއެވެ.

މި އިންޓަވިއުއިން ޝަރުތު ހަމަވާކަމަށް ކަނޑައެޅޭ މީހުންނަށް ޓޯކެން ނަންބަރެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި އެ ނަންބަރު ގަލޮޅު ސްކޫލުންނާއި އިމިގްރޭޝަންގެ ވެބްސައިޓުން ވެސް ފެންނަން ހުންނާނެ ކަމަށާ، އިންޓަވިއު ކުރިއަށްގެންދާނީ މިއަދު ހަވީރު 5:00 އާ ހަމައަށް ގަލޮޅު ސްކޫލްގެ ހަ ކްލާސްރޫމެއްގައި ހަ ޕެނަލަކުން ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

your imageއިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއުއަށް ހަދާފައިވާ ކިޔޫ - ފޮޓޯ: އިމިގްރޭޝަން

މި ވަޒީފާތައް އިއުލާން ކުރިއިރު އިމިގްރޭޝަނުން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ސާނަވީ (ސެކަންޑަރީ) ނުވަތަ އެއާ އެއްވަރުގެ އިމްތިހާނަކުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑް ހާސިލްކޮށްފައިވުމާއި ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓަކުން މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ނުވަތަ އެމްއެންކިޔުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުމެވެ.

އަދި އުމުރުން 40 އަހަރުން ދަށުގެ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަންގެ ޝަރުތު ކުރާއިރު، އިންޓަވިއުއަށް ދާއިރު ފުރިހަމަކޮށްފައިވާ ޖޮބް އެޕްލިކޭޝަން ފޯމާއި ސީވީއާއި އައިޑީ ކާޑުގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓްތައް ގެނައުމަށް ވެސް އިމިގްރޭޝަނުން ހަނދުމަކޮށްދެއެވެ.

މި މަގާމުގެ މުސާރައަކީ 6،500 ރުފިޔާ ކަމަށް ވާއިރު، ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ކަނޑައަޅާފައި ވެސް ވެއެވެ. އަދި ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ، ބޭސިކް ތަމްރީނު ފުރިހަމަ ކޮށްފިނަމަ ލިބޭނެކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

ކޮމެންޓް