އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއުއަށް އިއްޔެ ހެދި ކިޔޫ - ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަންގެ 50 ވަޒީފާއަށް 6 ގަޑިއިރުތެރޭ 876 މީހުން ކުރިމަތިލައިފި
ސަރުކާރުން ދައްކަނީ ޑިޖިޓަލައިޒް ނުވަތަ ޕޭޕަލެސް ކުރާ ވާހަކަ، ފެނިގެން މިދަނީ އެހެން މަންޒަރެއް - އާންމުން
މުޙައްމަދު ޤާސިމް 25 މޭ 2025 (އާދީއްތަ)   10:07
އިމިގްރޭޝަނުން 50 މުވައްޒަފުން ހޯދުމަށް އިއްޔެ ގަލޮޅު ސްކޫލްގައި ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުތަކުން ޖާގަ ހޯދުމަށް، ދަމާލި ކިޔޫއިން އެ ސަރަހައްދުގެ ދުވާރުމަތި ފުރިގެން ދިޔަތަން ފެނިގެން ދިޔައެވެ.

އެއާއެކު ވޯކް-އިން އިންޓަވިއު އެއް ގޮތަށް މިކަން ކުރިއަށް ގެންދާ ގެންދިޔުމާ މެދު ގިނަބައެއްގެ ޝަކުވާތައް މީސްމީޑިއާ އަށް ބަންޑުންކޮށްލަން ފެށިތަން ފެނިގެން ދިޔައެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ ވޯކް-އިން އިންޓަވިއު އަކީ ވަޒީފާދޭ ފަރާތުން ކަނޑައަޅާ ގަޑިއަކަށް އިންޓަވިއު ކުރާ ތަނަކަށް ގޮސް ވަގުތުން ކުރާ އިންޓަވިއުއެއް ކަމަށް ވުމުން، މި ސަރުކާރުން ޑިޖިޓަލައިޒްގެ ވާހަކަ ނުވަތަ ޕޭޕަލެސްގެ ވާހަކަ ގިނަގިނައިން ދައްކަމުން އަންނަ ދުވަސްވަރެއްގައި، ގިނަބަޔަކު ކިއުގައި ކޮޅަށް ބައިތިއްބައިގެން، ނުވަތަ އެންމެންގެ ކުރިމައްޗަށް އެމީހުން ނެރެ ހާޒިރުކޮށްގެން މިކަން ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވާހަކައާ އަމަލު ދިމާނުވުން ކަމަށެވެ.

އިިމިގްރޭޝަނަށް 50 އޮފިސާ ޓްރެއިނީސް ބޭނުންވާކަމަށާ، އެ ވަޒީފާއަށް އިންޓަވިއުތައް ބާއްވާނެކަން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެ ވަޒީފާތަކުގެ އިންޓަވިއުތައް އިއްޔެ ކުރިއަށްގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުރާސްފަތި ދުވަހު އިއުލާންކުރިއެވެ. އެހެންކަމުން މިކާމާގުޅޭ އިތުރު ތަފްސީލެއް ހޯދާލުމަށް ފިޔެސްއިން ކުރި މަސައްކަތުން އެނގިގެން ދިޔައީ މި 50 ވަޒީފާގެ ވޯކް-އިން އިންޓަވިއުގައި 876 މީހުން ބައިވެރިވެފައި ވާކަމަށެވެ.

އެހެންކަމުން މިކަމުން ދޭހަވަނީ ސަރުކާރުގެ ވަޒީފާތަކަށް މީހުން މިހާރު ބަރޯސާވަމުން އަންނަ މިންވަރު ކަމަށާ، ރާއްޖޭގެ ޕްރައިވެޓްސެކްޓަރ މިހާރު މިވަނީ ވަރަށްބޮޑަށް ނިކަމެތިވެ އާންމުންގެ އިތުބާރު ގެއްލިފައި ކަމަށް ފިޔެސް އާ ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ގިނަ މުފައްކިރުން ބުނަމުން އަންނަނީ މިފަދަ އެތައް ކަމަކުން މިހާރު މި ސަރުކާރުގެ މިސްރާބުހުރީ ކޮމިއުނިސްޓް ގައުމުތަކުގައި ކަންކުރާ ބީދައިން، ރައްޔިތުން ސަރުކާރަށް މުޅިން ބަރޯސާ ކުރުވާ، އަޅުވެތި ކުރުވާގޮތަށް ކަމަށެވެ.

އަދި ފިޔެސްއާ މައުލޫމާތު ހިއްސާކުރި ބައެއް މީހުންގެ ވިސްނުން މިކަމުގައި ތަފާތުވެގެން ދިޔަކަން ވެސް ފާހަގަވެއެވެ. އެގޮތުން ބައެއް މީހުން ބުނީ، އިމިގްރޭޝަނަކީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ހިންގަމުން އަންނަ މުއައްސަސާއެއްކަމަށް އާންމުންނަށް ދެއްކުމަށް މަސައްކަތްކުރި ނަމަވެސް އެ މުއައްސަސާ އަކީ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގަމުން ނާޖާއިޒު ބޮޑެތި މަންފާތަކެއް ހޯދަމުން އަންނަ އިދާރާއެއް ކަމަށެވެ.

އެގޮތުން ބިދޭސީންނަށް ކޯޓާ ދޫކުރުމާއި ބިދޭސީން ބެލެހެއްޓުމުގެ ކަންކަމުގައި ނާޖާއިޒު މަންފާތައް އެތަނުގެ ބައެއް މުވައްޒަފުން ނަގަމުން އަންނަ އައުމާގުޅިގެން، އެތަނުން ލިބިދާނެ އިތުރު މަންފާ ތަކަކަށް ވިސްނައިގެން ބައެއް މީހުން އެތަނުގެ ވަޒީފާއަށް އަމާޒުހިފާފައި ވާކަމަށް ވެސް ބައެއް އާންމުން ތުހުމަތު ކުރެއެވެ.

މި ވަޒީފާތައް އިއުލާން ކުރިއިރު އިމިގްރޭޝަނުން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ސާނަވީ (ސެކަންޑަރީ) ނުވަތަ އެއާ އެއްވަރުގެ އިމްތިހާނަކުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑް ހާސިލްކޮށްފައިވުމާއި ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓަކުން މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ނުވަތަ އެމްއެންކިޔުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުމެވެ.

އަދި އުމުރުން 40 އަހަރުން ދަށުގެ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަންގެ ޝަރުތު ކުރާއިރު، މި މަގާމުގެ މުސާރައަކީ 6،500 ރުފިޔާ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ކަނޑައަޅާފައި ވާއިރު، ބޭސިކް ތަމްރީނު ފުރިހަމަ ކޮށްފިނަމަ، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

ކޮމެންޓް