އެހެންނަމަވެސް، ގިނަ ބަޔަކަށް މިއީ އެތެރޭގެ ހަލަބޮލިކަމާއި ޖަޒުބާތީ އުދުހުންތަކެއް ތަޖުރިބާކުރެވޭ ދުވަސްވަރެއް ވެސް މެއެވެ. މި މަރުޙަލާގައި، ކުޑައިރު އަދި ޒުވާން އުމުރުގައި އުފެދިފައިވާ އަމިއްލަވަންތަކަމުގެ ބިންގާތައް ބަދަލުވެ، އައު ދިމާތަކަކަށް ތަރައްގީވާން ފަށައެވެ.
މި އުމުރުފުރާގައި، ކުރިން ނުކެނޑޭނެ ކަމަށް ޤަބޫލުކުރެވުނު ގުޅުންތައް ވެސް ބަދަލުވާން ފަށައެވެ. މަތީ ތަޢުލީމު ޙާޞިލުކުރަމުންދިޔައިރު ނުވަތަ ވަޒީފާގެ ދާއިރާއަށް ނުކުތް ފުރަތަމަ ދުވަސްވަރު ގާތްކޮށް އުޅުނު މީހުންނާ މިހާރު އަގުތަކާއި ދިރިއުޅުމުގެ ލަނޑުދަނޑިތައް ތަފާތުވެދާނެއެވެ. މި ބަދަލުތަކަކީ ހިތްދަތިކަމާއި ހިތާމައިގެ އިޙްސާސްތައް އުފެދޭ ކަންކަމެވެ. މާޒީއާއި މިހާރުގެ ނިންމުންތަކާ މެދު ސުވާލު އުފެދިދާނެއެވެ. މިސާލަކަށް: "އަހަރެންގެ ވަޒީފާގެ މުސްތަޤުބަލު ދަނީ ރަނގަޅު މަގުންތޯ؟ ތަޢުލީމު ޙާޞިލުކުރި ދާއިރާއަކީ އެކަށޭނަ ދާއިރާއެއްތޯ؟ މިހާރު ދިރިއުޅޭ މާޙައުލާއި، އިޖްތިމާޢީ ގުޅުންތަކާއި، ދިރިއުޅުމުގެ މި ސިފައަކީ ޙަޤީޤަތުގައި އަހަރެންނާ އެކަށޭނަ ކަންކަންތޯ؟"
މި އުމުރުފުރާގައި ނާކާމިޔާބީތައް އިތުރަށް ބޮޑުވެ، އަމިއްލަ ނަފުސަށް ކުރާ އިތުބާރު ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ވަޒީފާގެ ފުރުސަތުތައް ގެއްލުމާއި، ގުޅުންތަކުގައި ދަތިތައް ކުރިމަތިވުމާއި، މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މިއީ ހަމައެކަނި މާޔޫސްކަމެއް ނޫނެވެ. މިއީ އަމިއްލަ ނަފުސު ދެކޭގޮތަށް ކުރިމަތިވާ ގޮންޖެހުމެކެވެ. މިފަދަ ވަގުތުތަކުގައި އަމިއްލަ ޝަޚްޞިއްޔަތު ގެއްލި، ދިރިއުޅުމުގެ މަޤްޞަދު ނޭނގި ހީވުމަކީ އެކަށީގެންވާ ކަމެކެވެ.
މި މަރުޙަލާއަކީ ގޮންޖެހުންތަކުން ފުރިގެންވާ ދުވަސްވަރެކެވެ. މިއީ އޮޅުންބޮޅުންވުމާއި އެކަނިވެރިކަން އިޙްސާސްކުރެވޭ ދުވަސްވަރެކެވެ. އިޖްތިމާޢީ ވިއުގަތަކުގައި ފެންނަ އުފާވެރި އަދި ކާމިޔާބު މަންޒަރުތަކުން، އަމިއްލަ ނަފުސު ފަހަތަށްޖެހި ނުވަތަ ފަޅައިގެން ގޮސްފައިވާކަމުގެ އިޙްސާސް އިތުރުވެއެވެ. ނަމަވެސް، މި ހަލަބޮލިކަމާއި ހިތްދަތިކަމުގެ ތެރޭގައި، ފުންކޮށް ވިސްނާލުމުން، މުހިންމު ތަރައްޤީތަކެއް ހިނގަމުންދާކަން ފާހަގަކުރެވޭނެއެވެ.
މަޑުމައިތިރި ވަގުތުތަކުގައި - އަމިއްލަ ނަފުސާ މެދު ވިސްނުމާއި، ހިތާމައާއި، އަދި ފަހަތަށް ޖެހުމަށްފަހު އަލުން ކުރިއަށް ދިއުމުގެ ތަޖުރިބާތަކުގައި - އަމިއްލަ ޙަޤީޤީ ޒާތުގެ ނިޝާންތައް ފާޅުވާން ފަށައެވެ. ހިތްދަތިކަމުގެ ތެރެއިން ކެތްތެރިކަން އުފެދެއެވެ. މާޔޫސްކަމުގެ ތެރެއިން އެތެރޭގެ ބާރު ފާޅުވެއެވެ. އެކަނިވެރިކަމުގެ ތެރެއިން އަމިއްލަ އަޑާ އަލުން ގުޅުން ބަދަހިވެއެވެ.
މި ހަލަބޮލިކަމުގެ ތެރެއިން ޙަޤީޤީ ބަދަލުވުން އުފެދެއެވެ. މުޖުތަމަޢުގެ އުންމީދުތަކާއި، އަމިއްލައަށް ކުރިން ޤަބޫލުކޮށްފައިވާ ކަންތައްތަކުގެ ބުރަދަން ކުޑަވެއެވެ. ބާކީވަނީ އިތުރަށް ހަގީގީ، އަދި ވަރުގަދަ އަސާސެކެވެ.
މަޑުމަޑުން އަލުން އާރާސްތުވާން ފަށައެވެ. އެހެން މީހުން އެދޭ ގޮތަށް ނޫނެވެ. އޭގެ ބަދަލުގައި، އިތުރަށް ހިކުމަތްތެރި، ވަރުގަދަ، އަދި އަމިއްލަ ނަފުސަށް އިހްތިރާމްކުރާ ފަރުދެއްގެ ގޮތުގައެވެ.
މި އަހަރުތަކަކީ ހަމައެކަނި ގޮންޖެހުންތަކުން ފުރިގެންވާ ދުވަސްވަރެއް ނޫނެވެ. މިއީ ސަހުސިއްްޔަތު ބައްޓަންކުރެވޭ މުހިންމު މަރުހަލާއެކެވެ. މި ދަތި ދުވަސްވަރު ހޭދަކުރަމުންދާ ފަރާތްތަކަށް ދަންނަވަން ޖެހެނީ، ހިތްވަރު ގަދަކުރައްވާށެވެ. ތިބާ ތިވަނީ ގެއްލިފައެއް ނޫނެވެ. ތިބާ ގެހަޔާތުގައި ދެން ވަމުން ދާނީ އިތުރަށް ފުރިހަމަ އިންސާނުންނަށެވެ. ފުރިހަމަ ތަސައްރަފްފުދި ހެޔޮވިސްނޭ މީހަކަށެވެ.
23 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރާއަކީ ގޮންޖެހުންތަކާއި ފުރުސަތުތަކުން ފުރިގެންވާ މުހިންމު މަރުޙަލާއެކެވެ. މި ދުވަސްވަރުގެ ތަޖުރިބާތަކުން އުނގެނި، ކުރިމަގަށް ތައްޔާރުވުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. މި މަރުހަލާގައި ދިމާވާ ދަތިތަކަކީ ކުރިމަގުގައި އިތުރަށް ކާމިޔާބު އަދި ފުރިހަމަ އިންސާނަކު އިންސާނަކަށް ވުމަށް މަގުފަހިކޮށްދޭ ކަންކަން ކަމުގައި ދެކި، ހެޔޮ ނިޔަތުގައި ކުރިއަށް ދިއުމަށް މަސައްކަތްކުރުން މުހިންމެވެ.