މިއަދު ރައީސް ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރުމުގެ ސަގާފަތެއް ބިނާކުރެވިއްޖެކަމުގެ ހިތްހަމަޖެހުން މިހާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށާ، އަމިއްލަ ހައްގުތަކުގެ ދިފާއުގައި ތެދުވެ ޒުވާނުން މުޒާހަރާކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހިތްވަރުފުޅެއް ކަމަށެވެ.
އަދި އެ ޒުވާނުންގެ ކެރުމާއި އަޒުމުން އެކްޓިވިޒަމްގެ ބާރު ދައްކުވައިދޭ ކަމަށާ، ހައްގުތަކުގެ ދިފާއުގައި ތެދުވުން، އަރަމުންއަންނަ ޖީލުތަކުން ވެސް ބަލައިގަނެއްޖެ ކަން އެބަ ދޭހަވާ ކަމަށް ވިދާޅުވެ، ޔުމްނު އަށް އިންސާފަށް އެދި ރޭ ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ ރޭ ފުލުހުން ބާރުގެ ބޭނުންކޮށް ރޫޅާލައި މުޒާހަރާ ގައި އިސްކޮށް އުޅުނު ދެ ޒުވާނުން ހައްޔަރުކުރުމުން އެކަމުގެ ނުރުހުން ފާޅުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރޭ ހައްޔަރުކުރި ދެ ޒުވާނުން ޝަރުތަކާ ނުލާ ދޫކޮށްލުމަށް ގޮވާލައްވާ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވެސް ވަނީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށް ރޫޅާލި ރޫޅާލުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
އެކަމުގެ ނުރުހުން ފާޅުކުރައްވާ ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މުޅި ގައުމު ސިހުނު މައްސަލައެއްގައި އިންސާފު ހޯދުމަށް ކުރާ އަމާން މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުން ކުށްވެރިކުރައްވާ ކަމަށާ، އިންސާފަށް ގޮވާލައި، ސިޔާސީ ބޭނުމެއް ނެތި ކުރި މުޒާހަރާ މިފަދަ ގޮތަކަށް ރޫޅާލަން ޖެހުމަކީ މިކަމުގައި ސަރުކާރުގެ ނުބައި ނިޔަތެއް އޮތް ކަމުގެ ހެއްކެއް ކަމަށެވެ.
އަމާންކަމާ އެކު އެއްވެ އުޅުމުގެ ހައްގާއި އެންމެންގެ ހަމަހަމަކަމާއި އިންސާފު ލިބިގަތުމުގެ ހައްގަކީ ޑިމްކޮރެސީގެ އަސާސީ ސިފައެއް ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ، ޒުވާނުން ކުރާ މުޒާހަރާތަކަށް އެބޭފުޅާގެ އެއްބާރުލުން ފުރިހަމައަށް ލިބިގެންދާނެ ކަމަށެވެ.
ރޭގެ މުޒާހަރާ ރޫޅާލުން ކުށްވެރިކޮށް، މުޒާހަރާއިން ރޭ ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް، އެމްޑީޕީ އާއި ޑިމޮކްރެޓްސް އަދި އެމްޑީއޭއިން ވެސް ގޮވާލާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އެކަމާ ގުޅޭގޮތުން އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ދެ ޒުވާނުން ހައްޔަރުކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވެސް އިންޒާރެއް ނެތި ޕެޕާ ސްޕްރޭ ޖެހުން އެ ޕާޓީން ކުށްވެރިކުރާ ކަމަށާ، އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދޭ އިރު، އެ ހައްގުގެ ބޭނުންކޮށްގެން ކަންބޮޑުވުންތަކެއް އިއްވަން ކުރަމުންދާ މުޒާހަރާތައް އަނިޔާވެރިކަމާ އެކު ރޫޅާލުމަކީ ސަރުކާރަށް ގޮތް ހުސްވެ، ހެއްދެވި ބޮޑު ގޯހެއް ކަމަށެވެ.
އެހެންކަމުން އެއްވެސް ޝަރުތަކާ ނުލައި އެ ދެ ޒުވާނުން ދޫކޮށްލުމަށް ގޮވާލާކަމަށް އެމްޑީޕީން ބުނެފައި ވާއިރު، މިކަމާގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ވަނީ ޒުވާނުން ކުރަމުން އަންނަނީ ޖާއިޒު މުޒާހަރާތަކެއް ކަމަށާ، ސުލުހަވެރި އިހުތިޖާޖުތަކަށް ފުލުހުން ހުރަސް ނޭޅުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
އަދި އެފަދަ އިހުތިޖާޖުތަކުގެ ބައިވެރިން ހިފައި ހައްޔަރުނުކުރުމަށް ގޮވާލާ ކަމަށާ، ރޭގެ މުޒާހަރާގައި ފުލުހުން ކަން ކުރި ގޮތް ބަލައި ފިޔަވަޅު އެޅުމަށް ގޮވާލަމުން ޑިމޮކްރެޓްސް އިން ބުނީ، ރޭ ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްގެ އިތުރުން އެމްޑީއޭ އިން ވެސް މިކަމާގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރޭގެ މުޒާހަރާގައި އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅާލީ ސުލްހަވެރިކަމާ އެކު ޝުއޫރު ފާޅުކުރަމުން ދަނިކޮށް ކަމަށް ވާއިރު، އެފަދަ އަމަލުތައް ފުލުހުންނާއި ދައުލަތުގެ އެންމެހާ އިދާރާތަކުން ތަކުރާރުނުކުރުމަށް ގޮވާލާ ކަމަށާ، އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ފަރާތްތަކަށް ވެސް ފުޅާ ދާއިރާއެއްގައި ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް ވެސް އެ ޕާޓީން ގޮވާލާ ކަމަށެވެ.
ޒުވާނުންގެ މުޒާހަރާ ރޫޅާލަން ޖެހުނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް ފުލުހުން ރޭ ބުނެފައިވާއިރު، ރޭގެ މުޒާހަރާ ތެރެއަށް އެސްއޯ ފުލުހުންގެ ޓީމަކުން ވަދެ، ޕެޕާ ސްޕްރޭ ޖަހައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލުމަށްފަހު ހައްޔަރުކުރި ދެ ޒުވާނުންނަކީ، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) ބަގީޗާގެ / ނ.ކުޑަފަރި، އަދި ޢާއިޝަތު ޝިމަން އަޙްމަދު (19އ) މ. ހަސްތީ / މާލެ، އެވެ.
ރޭގެ މުޒާހަގައި ފުލުހުން ކަންކުރި ގޮތުންވެސް އަދި އިތުރަށް މުޒާހަރާ ވަރުގަދަ ކުރާނެކަމަށް ބުނެ ޒުވާނުން ބުނެފައި ވަނީ މިރޭ ވެސް މުޒާހަރާ ކުރާނެކަމަށާ، މިރޭގެ މުޒާހަރާ ވެސް ފަހަތަށް ނުޖެހި ކުރިއަށް ގެންދާނެކަމަށެވެ. އަދި އެމީހުންގެ ޑިމާޑުތައް ފުރިހަމަ ނުވަނީސް މުޒާހަރާ ހުއްޓައި ނުލާނެ ކަމަށެވެ.