ފިޔެސް އާ މައުލޫމާތު ހިއްސާކުރަމުން އެ ކުއްޖާގެ ބެލެނިވެރިޔާ ބުނެފައިވަނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދުގެ ވަގުތެެއްގައި ކަމަށާ، ހާދިސާ ހިނގަން މެދުވެރިވީ ގްރޭޑް 6 ގައި ކިޔަވަމުން އަންނަ އެ ދަރިވަރު، ކްލާހުގެ ކެމިސްޓްރީ ގަޑީގައި، ކެމިސްޓްރީ ކިޔަވައިދިނުމަށް އައިސްހުރި އިންޑިއާ ޓީޗަރު ކައިރީގައި ފުޅިއަށް ފެން އަޅަން ދިޔުމުގެ ހުއްދައަށް އެދުމަށް އެ ޓީޗަރު ކައިރިއަށް ދިޔަވަގުތު، ޓީޗަރު އެނބުރިލުމުން ކުއްޖާގެ އަތުގައި އޮތް ހުސްފުޅިން ޓީޗަރުގެ ގައިގައި ޖެހުނު ކަމަށްބުނެ ރުޅިއައިސްގެން ކުއްޖާގެ އަތުގައި ހިފާ އިނގިލި ބިންދާލީ ކަމަށެވެ.
މި ހާދިސާހިނގުމާ ގުޅިގެން އެކުއްޖާ ވަނީ، ފަރުވާ ހޯދުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އަދި އެ މަރުކަޒްގެ ލަފާގެ ދަށުން އެއަތޮޅު ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މިއަދު ގެންގޮސް ކުއްޖާއަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ.
ބެލެނިވެރިޔާ ބުނިގޮތުގައި ބިނދިފައި ވަނީ ވާ އަތުގެ ޝަހާދަތް އިނގިއްޔެވެ. އަދި އެ އިނގިލި އެވަގުތު އޮތީ ކިރިޔާ ވަކިނުވެ ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ. އަދި އެ ހާދިސާއާ ގުޅިގެން ކުއްޖާއަށް ވަނީ ނަފްސާނީގޮތުން ވެސް ގެއްލުން ލިބިފައިކަމަށް ބެލެނިވެރިޔާ ބުންޏެވެ.
ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރު މިހާރު ވަނީ ކަނޑޫދޫ ސްކޫލްގެ ފަރާތުން އެއަތޮޅު ކިނބިދޫއަށް ގެންގޮސްފައެވެ. އަދި ޖެންޑާ މިނިސްޓްރީއާ މިހާރު އެ މައުލޫމާތުތައް ހިއްސާކޮށް މައްސަލައައިގެން ކުރިއަށްދާ ކަމަށް ވެސް ކުއްޖާގެ ބެލެނިވެރިޔާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތ.ކަނޑޫދޫ ސްކޫލްގެ ދަރިވަރެއްގެ އިނގިލީގައި އެ ސްކޫލްގެ ބިދޭސީ ޓީޗަރަކު ހިފައި އަނބުރާލާ ހުޅުން ނައްޓާލިކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ހެނދުނު 10:55 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާ، މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.
އަދި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.