މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އިންޑިއާ ޓީޗަރު ދޫކޮށްލީ ހައްޔަރުކުރިތާ 24 ގަޑިއިރު ވުމުގެ ކުރިންނެވެ. ފުލުހުން ބުނީ ބަންދުގެ މުއްދަތި އިތުރު ނުކޮށް ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ކަމަށެވެ.
"ތަހުގީގަށް އެއްބާރުލުން ދެމުންދާތީ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ދޫކޮށްލީ،" ފުލުހުން ބުންޏެވެ.
ކުއްޖާއަށް އަނިޔާކުރި ޓީޗަރު ފުލުހުން ދޫކޮށްލާފައިވާއިރު، އަނިޔާ ލިބުނު ދަރިވަރުގެ އާއިލާއިން ވަނީ އޭނާއަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.
އެގޮތުން ކުއްޖާގެ އިނގިލީގެ ހުޅު ނައްޓައިލުމަށްފަހު ފަރުވާ ދޭން ގެންދިޔުމުގެ ބަދަލުގައި އެ ޓީޗަރު އަމިއްލައަށް އެ ކުއްޖާގެ އިނގިލީގެ ހުޅު އެޅުވި ކަމަށް އާއިލާއިން ތުހުމަތު ކުރި އެވެ. އަދި އެ ކުއްޖާއަށް އަނިޔާކުރި ވާހަކަ ސްކޫލުގެ މެނޭޖުމަންޓަށް ނާންގައި ފިލައިގެން އެހެން ގެއަކަށް ގޮސް، އެ ދުވަހުގެ ހަވީރު އެ ރަށް ދޫކޮށް އެ އަތޮޅު އޮމަދޫއަށް ޓީޗަރު ދިޔަ ކަމަށް ވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.
ހާދިސާ ހިނގުމާއެކު ފަރުވާ ހޯދުމަށް އެރަށު ސިއްހީ މަރުކަޒަށް އެކުއްޖާ ގެންދިއުމުން، އެ މަރުކަޒުގެ ލަފާގެ ދަށުން އެއަތޮޅު ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ކުއްޖާއަށް ވަނީ ފަރުވާ ހޯދާފައެވެ.