ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލި ބިދޭސީ ޓީޗަރު - ފޮޓޯ: މީސްމީޑިއާ
ރުޅިއައިސްގެން ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލި ޓީޗަރު ހައްޔަރުކޮށްފި
ޖުނާން އަޙުމަދު 28 މޭ 2025 (ބުދަ)   14:30
މިދިޔަ ހޯމަ ދުވަހު ތ. ކަނޑޫދޫ ސްކޫލުގެ 11 އަހަރުގެ ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލާ ހުޅުން ނައްޓާލި ބިދޭސީ ޓީޗަރު މީހާ ހައްޔަރުކޮށްފި އެވެ.

ޓީޗަރު ހައްޔަރުކޮށް ބަންދުކުރީ ކިތައް ދުވަހަށް ކަން ހާމަނުކުރި ނަމަވެސް ފުލުހުން މިކަމުގައި ބުނީ އިންޑިއާ އަށް ނިސްބަތްވާ އެ ޓީޗަރު އިއްޔެ ހެނދުނު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފިޔެސް އާ މައުލޫމާތު ހިއްސާކުރަމުން އެ ކުއްޖާގެ ބެލެނިވެރިޔާ ބުނެފައިވަނީ އެ ހާދިސާ ހިނގަން މެދުވެރިވީ ގްރޭޑް 6 ގައި ކިޔަވަމުން އަންނަ އެ ދަރިވަރު، ކްލާހުގެ ކެމިސްޓްރީ ގަޑީގައި، ކެމިސްޓްރީ ކިޔަވައިދިނުމަށް އައިސްހުރި ޓީޗަރު ކައިރީގައި ފުޅިއަށް ފެން އަޅަން ދިޔުމުގެ ހުއްދައަށް އެދުމަށްޓަކާ އެ ޓީޗަރު ކައިރިއަށް ދިޔަވަގުތު، ޓީޗަރު އެނބުރިލުމުން ކުއްޖާގެ އަތުގައި އޮތް ހުސްފުޅިން ޓީޗަރުގެ ގައިގައި ޖެހުނު ކަމަށްބުނެ ރުޅިއައިސްގެން ކުއްޖާގެ އަތުގައި ހިފާ އިނގިލި ބިންދާލީ ކަމަށެވެ.

ހާދިސާހިނގުމާއެކު ފަރުވާ ހޯދުމަށް އެރަށު ސިއްހީ މަރުކަޒަށް އެކުއްޖާ ގެންދިއުމުން، އެ މަރުކަޒްގެ ލަފާގެ ދަށުން އެއަތޮޅު ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ކުއްޖާއަށް ވަނީ ފަރުވާ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުގައި، އެއީ ޓީޗަރު ގައިގައި ދަރިވަރު އިސްވެ ޖެހުމުން ހިނގި ހާދިސާއެއް ކަމަށާ، އެކަން ހިނގަން މެދުވެރިވީ ކިޔަވައިދެމުން ދަނިކޮށް އެ ދަރިވަރު ޓީޗަރުގެ ބުރަކަށީގައި ފެން ފުޅިއަކުން ޖެހުމުން އެވަގުތު ޓީޗަރު ކުއްލިއަކަށް އެނބުރިގަތް ވަގުތު، އެ ދަރިވަރުގެ އިނގިލީގައި ބޭއިހުތިޔާރުގައި ހިފުމުން ކަމަށެވެ.

ދަރިވަރުންނަށް ޓީޗަރުންގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބެމުން އަންނަކަމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު، ސްޕީޗް ތެރަޕީ ހަދަން ގެންދިޔަ އޯޓިސްޓިކް ކުއްޖަކަށް އެތަނުގެ މުއައްޒަފަކު ކަތުރަކުން ހަމަލާދިން މައްސަލައެއް މިފަހުން ފެންމަތިވެފައި ވާއިރު، އައްޑޫ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި ކަމަށް ބުނާ މައްސަލައެއް ވެސް މި ފަހުން ފެންމަތިވި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް